ޚަބަރު

ކޯރަމް ހަމަނުވުމުން ބިލުތަކަށް ވޯޓަށް ނޭހި މަޖިލީހުގެ ދައުރު ނިންމާލައިފި


ކޯރަމް ހަމަނުވުމުގެ ސަބަބުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތިން ބިލަށް ވޯޓަށް ނޭހި މިއަހަރުގެ މަޖިލީހުގެ ޖަލްސާތައް ނިންމާލައިފިއެވެ.

މަޖިލީހުގެ ދައުރު މި މަހުގެ މިއަދާއި ހަމައަށް ދިގު ދަންމާލަށް މަޖިލީހުން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ފާސްކޮށްފައެވެ. ތިންވަނަ ދައުރު ދިގު ދަންމާލަން މަޖިލީހުން ނިންމީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށެވެ.

މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުގައި މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތް ނޮވެމްބަރު މަސް ތެރޭގައި ނިންމަންޖެހޭނެއެވެ. ނަމަވެސް މަޖިލީހުގެ ދައުރު މި މަހުގެ 15ވަނަ ދުވަހަށް ދިގު ދަންމާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ އެކުގައެވެ.

ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އަދި މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާޢްދާގެ (ބ) އާ ޙަވާލާ ދެއްވާ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް ވިދާޅުވީ އެޖެންޑާކޮށްފައިވާ މައްސަލަތަކަށް ވޯޓަށް އެހޭ ވަރަށް މަޖިލީހުގެ ކޯރަމް ހަމަނުވާ ކަމަށެވެ.

ޤާނޫނު އަސާސީގެ 86ވަނަ މާއްދާގެ (ބ) އަދި މަޖިލިސް ޤަވާއިދުގެ 37ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމް އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުވެސް ހިމެނޭ ގޮތަށް ވޯޓު ގަޑީގައި މަޖިލިސް ޗެމްބަރުގައި ތިއްބެވީ 39 މެންބަރުންނެވެ. އެޖެންޑާގައި ހުރި މައްސަލަތަކަށް ވޯޓަށް އެހެން އޮތީ 43 މެންބަރުން މަދުވެގެން ތިއްބަވައިގެންނެވެ. އަދި އޭގެފަހުން މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިންމާލެއްވީކަން އިޢުލާން ކުރައްވާފައެވެ.

މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ މުހިއްމު ބިލުތަކެއް ހުށަހަޅާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަކާއި ޤާނޫނީ ޚިދުމަތުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.