ޚަބަރު

ހާޒިރުކުރީ ފައިސާއާ ގުޅޭ މައްސަލަތަކެއްގައި - ޔާމީން


ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ސިޔާސީ މައްސަލައެއްގައި ކަމަށާއި ނަމަވެސް އެ މައްސަލައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިއަދު މެންދުރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ފުލުހުން ސުވާލު ކުރީ ދެ ކަމެއްގައި ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ އެމަނިކުފާނުގެ އެކައުންޓަށް ވަތް ފައިސާތަކަކާއި ބެހޭ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި އެކައުންޓަށް ވަތް ފައިސާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުޥި އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ކެމްޕެއިން އެކައުންޓަށް ވަތް ފައިސާއަކީ އަޅުގަނޑުގެ ފައިސާއޭ. ދެން އެހިސާބުން އެބޭފުޅުން ސުވާލު ކުރެއްވީ އެމްއެމްޕީއާރްސީގެ އެއް މިލިއަން ޑޮލަރެއްގެ ވާހަކަ. އަޅުގަނޑު ދެންނެވިން ތިކަން އޮތީ އޭސީސީން ތަޙްޤީގުކޮށް ނިންމާފައޭ. ދެން އޭސީސީން ހުރިހާ މަޢުލޫމާތެއް ގެންދަވާށޭ. ދެން އަނެއްކާ އެއް މިލިއަން ޑޮލަރަކީ އޭސީސީގެ ޙަވާލުގައި އެފަރާތުގެ ބެލެނެވެރިކަމުގެ ދަށުގައި ހުރި ފައިސާ ކަމަށް އަޅުގަނޑު މި އަންނަނީ ތަކުރާރުކޮށް މީޑިއާގައި ދަންނަވަމުންނޭ،" ކުރީގެ ރައީސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓުގައި ފައިސާތަކެއް ހުރެގެން ސުވާލު ކުރުމުން "އުނދަގުވާ" ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ހަމައެކަނި އެމަނިކުފާނު ނޫން ކަމަށެވެ. އެހެންކަމުން ކެންޑިޑޭޓުން ޚަރަދުކުރި ފައިސާގެ މަޢުލޫމާތު ހޯދައި ކަމަށްވާނަމަ އެމަނިކުފާނާއި ވާދަކުރެއްވި އަދި މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިބްރާޙީމް މުޙައްމަދު ޞާލިޙާވެސް ސުވާލު ކުރައްވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑަކަށް މިއަދު ތުހުމަތެއް ނުކުރައްވައޭ. ތުހުމަތެއް ނުކުރައްވާ ކަމެއް ސާފު ކުރައްވަންވީމަ ތަންކޮޅެއް އުނދަގޫވޭ އަޅުގަނޑު އެކައުންޓުގައި ވަދެ ނުކުންނަ ފައިސާ އެހެރީ ފެންނަންހުރި އެއްޗެކޭ، އޭގައި ވަކި ކަމެއް އޮވެއްޖެ ކަމަށްވާނަމަ ތަޙްޤީގީ އިދާރާތަކުން އޮންނަންވާނީ މިހާރު ބައްލަވާފައި ވިދާޅުވެފައި އޮންނަންވާނީ މިވެނި ފައިސާއަކީ މިވެނި ގޮތަކަށް ގޯސްކޮށް ވަދެފައި ހުރި ފައިސާއޭ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ކެމްޕެއިންގެ ކަން ކަމަށް ޚަރަދު ކުރުމަށް ވަދެފައިވާ ފައިސާ ކަމަށެވެ. އަދި އެ އެކައުންޓަކީ އިންތިޚާބުތަކާއި ބެހޭ ޤާނޫނުގެ ދަށުން ޑިކްލެއަރ ކުރައްވާފައިވާ އެކައުންޓެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަދި 2013ގައިވެސް ބޭނުން ކުރެއްވި އެކައުންޓު އެއީ. އެހެންވީމަ ކެޕްމެއިންގެ ކަންކަމަށް ބޭނުންތަކަށް ޖަމާ ކުރައްވާފައިވާ ހުރި ދެ ޓްރާންސިކްޝަނެއްގެ ސުވާލު މި ކުރެއްވީ،" އާޒިމާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.