ވިޔަފާރި

ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ދިނުމަށް މިނިސްޓްރީގެ ޓީމްތައް ރަށްރަށަށް


ޓޫރިޒަމް މިނިސްޓްރީން ދޭ ޚިދުމަތްތައް ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތް ހެދުމަށްޓަކައި އެ މިނިސްޓްރީގެ ޓީމްތައް ރަށްރަށަށް ފޮނުވަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވި ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށާއި ކޮންމެ ހިދުމަތެއް ހޯދުމަށް މާލެ ދާންޖެހޭ ދިއުމުގެ ބަދަލުގައި ޚިދުމަތްތައް ރަށްރަށުގެ ރައްޔިތުންނާއި ހަމަޔަށް ގެންދަން ޖެހޭކަމަށެވެ.

"މަހަކު މަދުވެގެން އެއްފަހަރު ރަސްމީކޮށް އަޅުގަނޑުމެން މިނިސްޓްރީގެ މަސައްކަތް ރަށްރަށާ ހަމަޔަށް ގެންނާނަން. އޭގެ ބޭނުމަކީ ޓެކްނިކަލީ ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންގެ މިނިސްޓްރީއިން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުން. އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ މި އައު ސަރުކާރަކީ ލާމަރުކަޒީ ބާރުވެރިކަމުގެ ތެރެއިން ވައުދުތައް ވެގެންއައި ސަރުކާރެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށާއި، ރިޒޯޓުތަކާއި، ސަފާރީއާއި އެހެނިހެންވެސް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަން ހިންގާ ފަރާތްތަކާ ބައްދަލުކޮށް އެކުގައި މަސައްކަތްކުރާނެކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާއިރު، ކުރިޔަށް އޮތްތާގައި ގެސްޓް ހައުސްތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން މޮނިޓަރކުރުމާއި އެނޫންވެސް ބައެއް ކަންކަން ކުރުމުގެ ބާރު، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ކައުންސިލްތަކަށް ދޫކުރަން ނިންމާފައިވާކަމަށެވެ.