ވިޔަފާރި

ތާޖް މަހަލަށް ޒިޔާރަތް ކުރުމުގެ ފީ 5 ގުނަ ބޮޑުކޮށްފި


އިންޑިއާގެ މަޝްހޫރު ތާޖް މަހަލްއަށް ޒިޔާރަތްކުރުމަށް ނަގާ ފީ ބޮޑުކުރުމަށް ނިންމައިފިއެވެ.

ތާޖް މަހަލް ހުންނަ އާގްރާ ސިޓީގެ ކަމާއިބެހޭ އިދާރާތަކުން ބުނީ ފަތުރުވެރިންގެ އިތުރުން، އިންޑިއާގެ ރައްޔިތުންގެ އަތުން ނަގާ ފީވެސް ބޮޑުކުރާނެކަމަށެވެ.

ކޮންމެ އަހަރަކު ގާތްގަނޑަކަށް 7 މިލިއަނެއްހާ މީހުން ތާޖް މަހަލަށް ޒިޔާރަތް ކުރާއިރު، ޒިޔާރަތްކުރުމުގެ ފީ ބޮޑު ކުރަން ނިންމީ، ތާޖް މަހަލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ކުރިމަތި ވަމުންދާތީވެ، އާބާތުރަ ފިލުވާ، އެކަން ކަމަށް ޙައްލު ހޯދުމަށް ފައިސާ އިތުރު ކުރުމަށްކަމަށް އިންޑިއާގެ ސަރުކާރުން ބުނެއެވެ.

ތާޖް މަހަލަށް ޒިޔާރަތްކުރާ ފީ ބޮޑުކުރުމުން އިންޑިއާގެ ރައްޔިތުންގެ އަތުން ނަގާނީ 250 ރުޕީސްއެވެ. މީގެ ކުރިން އިންޑިއާ ރައްޔިތުންގެ އަތުން ނަގަމުންދިޔައީ 50 ރުޕީސްއެވެ. އަދި ފަތުރުވެރިންނާއި ބިދޭސީންގެ އަތުން ނަގާނީ 1100 ރުޕީސްއެވެ. ނަމަވެސް ކޮންމެ ޤައުމަކަށް ނިޞްބަތްވި ކަމުގައިވީ ނަމަވެސް، 15 އަހަރުންދަށުގެ ކުދިންނަށް ހިލޭ ތާޖް މަހަލަށް ވަދެވޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖް މަހަލަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަންޒިލެކެވެ. ޚާއްސަކޮށް، ޗުއްޓީ ބަންދުގައި ތާޖް މަހަލަށް ގިނަ އަދަދަކަށް ދިވެހިން ޒިޔާރަތް ކުރެއެވެ.

ތާޖް މަހަލަކީ އިންޑިއާގެ އާގްރާގައި 17 ވަނަ ޤަރުނުގައި އިމާރާތް ކުރި ބިނާއެކެވެ. މި ބިނާއަކީ މަޝްހޫރު މޫގަލް އެމްޕެރަރ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒްގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ. އދ ގެ ޔުނެސްކޯއިން ވަނީ ތާޖް މަހަލްއަކީ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައިވެސް ކަނޑައަޅާފައެވެ.