ޚަބަރު

ކުދިއާބަދީތައް ހިމެނޭ ރަށްތަކުގެ މީހުން ހުޅުމާލެއަށް ބަދަލުވެވޭނެ


ކުދި
އާބަދީތައް ހިމެނޭ ރަށްތަކުގެ މީހުން ހުޅުމާލެއަށް ބަދަލުވެވޭނެ އިންތިޒާމް
ސަރުކާރުން ހަމަޖައްސަވާދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭ
ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި
ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވީ، ރާއްޖޭގެ އެންމެ އާބާދީ ކުދި ރަށްތަކުގެ ތެރެއިން ވ އަތޮޅު ފުލިދޫ
މީހުން ބަދަލުވާން ބޭނުންވާކަން ހާމަކޮށް އެމަނިކުފާނަށް ޕެޓިޝަނެއް
ހުށައަޅާފައިވާ ކަމަށާއި، ހުޅުމާލެ ތަރައްގީ ކުރެވުމަކީ ފުލިދޫފަދަ ރަށްތަކަށް
އޮތް ފަހި ފުރުސަތެއް ކަމަށެވެ. އެގޮތުން ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ކުދި
ރަށްތަކުގެ މީހުންނަށް އެ ފުރުސަތު ހޯދައިދޭނޭ ކަމަށާއި، އެ އިންތިޒާމް ފަސޭހަ
ނިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް
ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ނިމިގެންދާއިރު، އެ ޝަހަރުވެގެންދާނީ ގިނަ
ޚިދުމަތްތަކެއް ފުރިހަމަކުރެވިފައިވާ ޝަހަރެއްގެ ގޮތުގައި ކަމަށާއި، ރާއްޖޭގައި
ގާއިމްކުރެވޭ އެންމެ ބޮޑު ޑްރަގް ރެހެބިލެޓޭޝަން ސެންޓަރުވެސް ގާއިމް
ކުރެވިގެންދާނީ ހުޅުމާލޭގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޒުވާނުންގެ
އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޚިދުމަތްތަކެއްވެސް ހުޅުމާލޭގައި
ގާއިމްވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މާލެ އާއި ހުޅުމާލެ ތަރައްގީ
ކުރެވުމުން، ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް މާލެ ސަރަހައްދުގައި
އާބާދުކުރެވޭނެ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ
ފައިދާބޮޑީ މާލެ ސަރަހައްދަށް ބަދަލުވުން ކަމަށެވެ.