ޚަބަރު

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރއިން މި މަޝްރޫޢޫ ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެ މިނިސްޓްރީގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެގްރީމެންޓްގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޙަސަން ޝާހެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް، އޭޑީބީގެ ހިލޭ އެހީގައެވެ. ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަމުން ދަނީ 800 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރެކެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުލްލަތީފް ވިދާޅުވީ، ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން، ބަނަދަރުގައި މިހާރު ބޭނުންކުރަމުންދާ ސަރަހައްދު ޚާއްޞަކުރުމަށް ހަމެޖެހިފައިވަނީ މަސްވެރިންނަށް ކަމަށެވެ. އަދި ބަނދަރުގައި އަލަށް ތަރައްޤީކުރާ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޢާންމު ދަތުރުފަތުރަށް ކަމަށެވެ.