ޚަބަރު

ޒުވާނުންގެ ވިޔަފާރި ހަރަކާތްތަކަށް ހިލޭ ޓެންޓު ދޫކުރަނީ


ވިޔަފާރިވެރިންގެ ޖަމުޢިއްޔާ މެދުވެރިކޮށް ޒުވާނުންނާއި، ކުދި ވިޔަފާރިތަކާއި ޖަމިއްޔާތަކުން ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާ ޓެންޓުފަދަ ތަކެތި ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެޖަމުޢިއްޔާގެ ހަޒާންދާރު މިސްރު އާދަމް ވިދާޅުވީ ޒުވާނުންވެސް، އަދި ކުދި ވިޔަފާރިތަކުންވެސް އެކި ހަރަކާތްތައް ބާއްވާއިރު ކުލި ދައްކައިގެން ޓެންޓް އަދި ސްޓޯލް ހޯދަންޖެހޭތީ އެކަމުގައި އެފަރާތްތަކަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދައިދީ އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހިލޭ މިފަދަ ސާމާނު ހަރަކާތްތައް ރާވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް މިސްރު ވިދާޅުވިއެވެ.

މިގޮތުން ސަތޭކައަށްވުރެ ގިނަ ސްޓޯލް ނުވަތަ ޓެންޓު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޖަމިއްޔާއިން ބުންޏެވެ. އަދި މިސްޓޯލްތައް ލިބުނުހާ އަވަހަކަށް މިތަކެތި އާންމުކޮށް ދޫކުރަން ފަށާނެކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ މިތަކެތި ފޯރުކޮށްދޭނީ ހަމައެކަނި މާލޭގައި ބާއްވަ ހަރަކާތްތަކަށް ނޫންކަމަށާއި ރަށްރަށަށްވެސް މިތަކެތި ދޫކުރާނޭކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމުޢިއްޔާއިން ބުނީ އެޖަމުޢިއްޔާއިން ދަނީ ޒުވާން ވިޔަފާރިވެރިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އޮޅުން ފިލުވަމުންކަމަށެވެ.