ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް މަޖިލީހުން ނިންމައިފިއެވެ.
މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އަންގާ މެންބަރުންނަށް މަޖިލީހުގެ އިދާރާއިން މެސެޖުކޮށްފައިވާ ކަމަށެވެ. މަޖިލީހުގެ ދައުރު މި މަހުގެ 15ވަނަ ދުވަހު ނިންމުމަށް މަޖިލީހުން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ފާސްކޮށްފައެވެ. ތިންވަނަ ދައުރު މި މަހުގެ 15ވަނަ ދުވަހަށް ދިގު ދަންމާލަން މަޖިލީހުން ނިންމީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށެވެ.
މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ މުހިއްމު ބިލުތަކެއް ހުށަހަޅާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަކާއި ޤާނޫނީ ޚިދުމަތުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ހޮނިހިރު ދުވަހު ބާއްވާ މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާގައި މި ބިލްތަކަށް ވޯޓަށް އަހާނެއެވެ. މިހާރު މި ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި ކޮމެޓީތަކުން އަންނަނީ ކުރަމުންނެވެ. މީގެއިތުރުންވެސް މުހިއްމު އެތައް ޤާނޫނުތަކަކަށް ސަރުކާރުގެ ފަރާތުން ވަނީ އިޞްލާޙު ހުށަހަޅާފައެވެ.
މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުގައި މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތް ނޮވެމްބަރު މަސް ތެރޭގައި ނިންމަންޖެހޭނެއެވެ. ނަމަވެސް މަޖިލީހުގެ ދައުރު މި މަހުގެ 15ވަނަ ދުވަހަށް ދިގު ދަންމާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ އެކުގައެވެ.
އަންނަ ހޮނިހިރު ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާއިރު މަޖިލިސް ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހޭނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާއި ހަމައަށެވެ. ނަމަވެސް މުހިއްމު ބައެއް މަސައްކަތްތައް ނިންމުމަށް މަޖިލީހުން ވަނީ މީގެކުރިން އެ ނޫން ދުވަސްތަކުގައިވެސް މަޖިލީހުގެ ޖަލްސާތައް ބާއްވާފައެވެ.
މަޖިލީހުގެ މި ދައުރު މި މަހުގެ 15ވަނަ ދުވަހު ނިންމާލުމަށްފަހު މަޖިލިސް ދޮޅު މަހުގެ ޗުއްޓީއަކަށް ދާނެއެވެ. އަދި އާ ދައުރެއް ފަށާނީ އަންނަ ފެބްރުއަރީ މަހުއެވެ.