ޚަބަރު

ނާއިބު ރައީސް ފައިޞަލް ފުވައްމުލައް ސިޓީގައި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީގެ އޮފީސް ތަކަށާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު މިއަދު ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިންނާ މިއަދު ހެނދުނު ވަނީ ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން ފުވައްމުލަކު ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބައްލަވާލައްވައި، އެތަނުގެ މުވައްޒަފުންނަށް ދިމާވާ ދަތިތައް ވަނީ ބައްލަވާލައްވާފައެވެ.

ޑިޓޮކްސިފިކޭޝަން ސެންޓަަރުގެ އިތުރުން ޏ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ބަލި މީހުންނާވެސް ނާއިބު ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރަށްވެސް ނާއިބުރައީސް ވަނީ ޒިޔާރާތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.