ޚަބަރު

މަސްވެރިން ބާނާ މަސް ގަތުމުގެ މާލީ ތަނަވަސްކަން މިފްކޯއަކު ނެތް- ފިޝަރީޒް މިނިސްޓަރ


މަސްވެރިން ބާނާ މަސްގަތުމުގެ މާލީ ތަނަވަސްކަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގައި ނެތްކަމަށާއި މިކަން ވީހާވެސް އަވަހަކަށް ހައްލުކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވިދަޅުވީ އޮޑިވެރިންނާއި މަސްވެރިންގެ މަސައްކަތުން ބާނާ މަހުގެ މިންވަރު އިތުވެފައިވާކަމަށެވެ. ނަމަވެސް ބާނާ މަހުގެ މިންވަރު އިތުރުވެގެން ދިޔައީ ސިނާއީ ތަރައްޤީއާ އަރާ ހަމަނުކުރެވޭ ބާރުމިނެއްގައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހާއްސަކޮށް މަސްވެރިން ބާނާ މަސް ގަތުމުގައި ދައުލަތުގެ މައި ކުންފުނީގެ ކެޕޭސިޓީ މިންވަރަށް ވުރެ ދަށްކަން ހިތާމަޔާއެކު ފާހަގަކުރަންޖެހޭ. މަސްވެރިން އަތުން މަސް ގަނެ، ވަގުތުން ފައިސާ ނުދެވެމުން އޮޑިވެރިންނާއި، މަސްވެރިންނަށް އަދި އާއިލާތަކަށް ދަތިތަކެއް ތަހަންމަލް ކުރަންޖެހޭކަން ފާހަގަކުރަން. މިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މަސްވެރިކަން މިހާރު އޮތް ހިސާބަށް ގެނައުމުގައި ދިވެހިރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތައް ގަނެ، އެކްސްޕޯޓްކުރާ ފަރާތްތަކުގެ ދައުރު ބޮޑުކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ކުންފުނިތައް ބާރުވެރިކޮށް، ދިވެހިރާއްޖޭގެ މަހުގެ އެކްސްޕޯޓް އިތުރުކޮށް، މަސްގަންނަ ކުންފުނިތަކުގެ ފުއްދުންތެރިކަން އިތުރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން ހުއްދަދީފައިވާ އުޅަނދުތަކުގައި ލޮކޭޝަން މޮނިޓަރިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ވިދާޅުވިއެވެ.

"ގިނަ ޤައުމުތަކާއެކު އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށްވެސް ފުރިހަމަ ކުރަން ލާޒިމްކުރާ ގިނަ ކަންތައްތަކެއް އެބަހުރި. ޤަވައިދާ ހިލާފަށް ބެލެހެއްޓުމެއްނެތި އަދި ރިޕޯޓު ނުކޮށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރާއްޖެއިން މަސްވެރިކަން ކުރަން ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގައި އުޅަނދުވާތަން އަންގައިދޭ މޮނިޓަރިން ސިސްޓަމް ޤައިމްކުރެވޭނެ. މިކަމަށްބޭނުންވާ ވެސަލް ލޮކޭޓިން ޑިވައިސަސް މަސްވެރިނަށް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ކުރީ ކޮޅު ފެށޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ގެމަނަފުށީގައި ބާއްވާފައިވާއިރު، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގެމަނަފުށީގައި ވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިހަރަކާތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.