ޤަވާއިދާ ޚިލާފަށް ގަރާޖުތައް ނަންމަތީ ވެހިކަލްތައް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ ބާތިލްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލަ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލައި މިކަމަށް ހައްލެއް ގެނައުމަށް އިންސްޕެކްޝަން ޓީމުތަކެއް އެކުލަވާލާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.
މިމައްސަލައިގެ އިތުރުން، މާލޭގެ ޓެކްސީތަކުގެ ސާފުތާހިރުކަމާއި އެހެނިހެން ކަންކަން ބެލުމަށް އިންސްޕެކްޝަން ޓީމުތައް ފޮނުވާ މިކަންކަން މޮނީޓަރކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންކަން ބެލުމަށްފަހު ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅުއަޅާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ހަރުދަނާ ޕާރކިންގ ނިޒާމެއް ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުން މާލޭގެ ޕާރިކިންގ ޒޯންތައް ކަނޑައަޅައި، ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ސިޔާސަތުގެ ދަށުން ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަ ވައުދުތަކެއް މިހާރުވެސް ފުއްދާފައިވާއިރު، އޭގެތެރޭގައި ޓެކްސީ ބޯޑުގެ ފީ ކަނޑާލުމާއި މާލެއާއި ހުޅުމާލެއާއި ދެމެދު ދުއްވާ ބަސްތަކަށް ޚާއްސަކޮށް އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުން ހިމެނެއެވެ.