ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި


މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގއ. ގެމަނަފުށީގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ.

ގެމަނަފުށީ ސްކޫލުގައި ބޭއްވި އެ މައުރަޒު ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު، ޒަހާ ވަހީދެވެ. އެ މައުރަޒުގައި ދައްކާފައިވަނީ އެރަށުގެ ރައްޔިތުން އަމިއްލައަށް އުފައްދާ ތަކެއްޗެވެ. އެގޮތުން ކުދި ގުޅައާއި، ބޮނޑި އަދި އެފަދަ އެކި ބާވަތްތަކުގެ ކާތަކެތި އެ މައުރަޒުގައި ދައްކާފައިވެއެވެ.

އެ މައުރަޒުގައި މިފްކޯއިންވެސް ބައިވެރިވިއިރު، އެކުންފުނިން ވަނީ ތުތި ބޯވަދިލަމަހުން ތައްޔާރުކުރެވޭ ބާވަތްތަކުގެ ރަހަ ދައްކާލާފައެވެ. ތުތި ބޯވަދިލަމަހަކީ ރާއްޖޭގައި ވަރަށް ފަހުން ފެށި މަސްވެރިކަމުގެ ބާވަތެއްކަމަށްވާއިރު، އިއްޔެގެ ވަގުތެއްގައިި ތުތި ބޯވަދިލަ މަސް ބޭނުމުގެ ތަމްރީން ޕްރޮގްރާމެއްވެސް ގެމަނަފުށީގައި ބާއްވާފައިވެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ގެމަނަފުށީގައި ފާހަގަކުރާއިރު، މިއީ އެރަށުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރާ ދެވަނަ ފަހަރެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި އެކި ހަރަކާތްތައް ރާވާފައިވާއިރު، މާދާމާގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ގެމަނަފުއްޓަށް ވަޑައިގަންނަވާނެއެވެ.