މިދިޔަ ނޮވެމްބަރު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު 261 މިލިއަނަށް އަރާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި ނޮވެމްބަރު މަހުގެ އިމްޕޯޓް އަދި އެކްސްޕޯޓުގެ މަޢުލޫމާތު ދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި ނޮވެމްބަރު މަހު އިޕްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރާއި އަޅާބަލާއިރު 2.23 އިންސައްތައިން އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 255.5 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 261 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފާއިތުވި މަހު ރާއްޖެއިން އިމްޕޯޓް އަދި އެކްސްޕޯޓު ކުރި މުދަލުގެ މިންވަރު ވަނީ 7 އިންސައްތައަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް 3.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދު ވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީންނެވެ. އެއީ އެތެރެކުރި މުދަލުގެ 17 އިންސައްތައެވެ.
ނޮވެމްބަރު މަހު އެކްސްޕޯޓްކުރެވުނު މުދާ 7 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާއިރު އެކްސްޕޯޓުކުރި މުދަލުގެ މިންވަރަކީ 406.8 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިއަދަދު އުޅެނީ 380.3 މިލިއަން ރުފިޔާގައެވެ.
ރާއްޖޭގެ އެކްސްޕޯޓުގެ ސިނާޢަތު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ މަހާއި މަހުގެ ބާވާތްތަކަށެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު އެންމެ ގިނައިން މަސް އެކްސްޕޯޓުކޮށްފައި ވަނީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓުކުރި މުދަލުގެ 48.2 އިންސައްތައެވެ. މީގެއިތުރުން ޖަރުމަނުވިލާތަށް 10.3 އިން ސައްތަ، އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރި މުދަލުގެ 7.5 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 6.6 އިންސައްތައިގެ މަސް އެކްސްޕޯޓުކޮށްފައިވެއެވެ.