ވިޔަފާރި

ނަގުދު ފައިސާއާއި ޗެކު ބޭނުންކުރުން މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަނީ


މާލީ މުޢާމަލާތްތަކުގައި ނަގުދު ފައިސާއާއި ޗެކަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްޓަކައި ޕޭމެންޓް ސިސްޓަމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ގަވަރުނަރު ވިދާޅުވީ މި ސަރަޙައްދުގެ އެހެނިހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ ނަގުދު ފައިސައާއި ޗެކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއްކަމަށެވެ. އެހެންކަމުން ނަގުދު ފައިސާއައި ޗެކް ރާއްޖެއިން ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ޑިޖިޓަލްކޮށް ފައިސާދެއްކޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ދިވެހިރާއްޖެއަކީ އަދިވެސް ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ ޤައުމެއް. ދިވެހިރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަގައި ދިވެހި ފައިސާގެ އިތުރުން ޑޮލަރު ބޭނުންކުރުންވެސް މިވަނީ އިތުރުވެފައި. އަޅުގަނޑަކަށް ނޭގޭ ރާއްޖޭ ނޫން ކޮން ޤައުމެއްގައި ކަމެއް ޔޫއެސް ޑޮލަރުގެ އޭޓީއެމްއެއް ހުންނަނީ. ޔޫއެސް ޑޮލަރަށްވެސް ރާއްޖެ މިވަނީ ވަރަށް ބޮޑަށް ބަރޯސާވެފައި. އެހެންކަމުން މިވަގުތު އެންމެ އިސްކަމެއް ދީގެން އެމްއެމްއޭއިން މިހާރު ކުރިއަށްގެންދާ ކަމަކީ ދިވެހިރާއްޖޭގައި ކޭޝްލެސްކޮށް ޑިޖިޓަލްކޮށް ފައިސާދެއްކޭނެ ސޭފް އަދި އެފިޝެންޓް ޕޭމެންޓް ސިސްޓަމެއް ޤާއިމްކުރުން" ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އެކި ބޭންކުތަކާއި އެއްކޮށް މަސައްކަތްކޮށް، 2019 ވަނަ އަހަރު ނިމުގެކުރިން މިނިޒާމް ޤާއިމްކުރެވިގެންދާނެކަމަށެވެ.

"ޕޭމަންޓް ސިސްޓަމް ޤާއިމްކުރުމާއި އެކު ޗެކު ގެންގުޅުން ވީހާވެސް މަދުކުރުމަށް އަޅުގަނޑުމެން ނިންމާފައިމިވަނީ. މިހާރުވެސް އަޅުގަނޑުމެން އެމްއެމްއޭގައި އޮޕަރޭޓްކުރަމުން އެބަގެންދަން އާރ.ޓީ.ޖީ.އެސް ސިސްޓަމެއް. އެއީ ޗެކްގެ ބަދަލުގައި ރިއަލް ޓައިމްކޮށް އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ނުވަތަ އަމިއލަ ކުންފުނިތަކުން ސަރުކާރަށް ނުވަތަ އެހެން ފަރާތްތަކަށް ފައިސާ ފޮނުވުމަށް މިހާރުވެސް އެމްއެމްއޭގައި ޤާއިމްވެފައިވާ ސިސްޓަމެއް" ގަވަރުނަރު އަހުމަދު ނަސިރު ވިދާޅުވިއެވެ.

ޕޭމަންޓް ސިސްޓަމެއް ޤާއިމްކުރުމުގެ އިތުރުން، އެމްއެމްއޭގެ އޮނިގަނޑަށް ބަދަލުގެނެސް އެމުޢައްސަސާގެ ތަހުޤީޤީ ޔުނިޓްކަމަށްވާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ވެސް ބަދަލުތަކެއް ގެންނާނެކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައެވެ.