ޚަބަރު

ވިއްސާރައިގެ ގެއްލުންވި 206 ގޭގެ އެސެސްމަންޓް ހަދައިފި


މިދިޔަ ހަފްތާގެ ބުދަދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 206 ގޭގެ އެސެސްމަންޓް މިހާތަަނަށް ހަދާފާއިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

މި ވިއްސާރައިގައި ގެއްލުން ލިބިގެން މިހާތަނަށް 214 ގެއަކުން ރިޕޯޓުކޮށްފައިވާއިރު، މީގެތެރެއިން 206 ގޭގެ އެސެސްމަންޓް ހަދާ ނިމިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓަރމެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ޙަސަން ވިދާޅުވީ، ގެއްލުންވި ގެތަކުގެ ތެރެއިން 12 ގެއެއްގެ އެސެސެސްމަންޓް އެކި ސަބަބުތަކާހެދި ނުހެދި ވާކަމަށެވެ. އޭނާ ވިދާޅުވީ، ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހަފްތާގެތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ހަފްތާގެ ބުދަދުވަހު މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެއެވެ.