ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފެށި "ހެލްޕް ޔަމަން މޯލްޑިވްސް" އަށް އެހީދިނުމުގެ މުއްދަތު ޖެނުއަރީ 25 އާހަމައަށް އިތުރުކޮށްފިއެވެ. މި ކެމްޕޭން ހިންގާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ މި ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން އިސްނަގައިގެން ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޚާއްޞަ ކެމްޕޭނެއް ފަށާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިއޭސީގެ ހެޑް އޮފް ލޯކަލް ކޯޑިނޭޝަން އައްސަދު ޝަރީފް ވިދާޅުވީ، މިހާތަނަށް އައިއިރު ޔަމަނުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ މި ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ. މި ސަބަބަށްޓަކައި "ހެލްޕް ޔަމަން މޯލްޑިވްސް" އަށް އެހީ ދިނުމުގެ މުއްދަތު އަންނަ ޖެނުއަރީ މަހުގެ 25 އަށް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން 8 އަތޮޅެއްގެ 11 ރަށުގައި މި ފަންޑަށް ފައިސާ ޖަމާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ. ރަށު ފެންވަރުގެ ޖަމިއްޔާތަކުގެ އިތުރުން، މުޅި ރާއްޖޭގައި އެކި ހަރަކާތްތައް ހިންގާ ޖަމިއްޔާތަކާއި، އެހީދޭ ފައުންޑޭޝަންތަކުންވެސް މި ފަންޑަށް ފައިސާ އެއްކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުންދާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން މައުލޫމާތުދެއެވެ. "ހެލްޕް ޔަމަން މޯލްޑިވްސް" ފަންޑަށް ފައިސާ އެއްކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ކާއެއްޗެހި ވިއްކުމާއި، ވެހިކަލް ދޮވެދިނުމާއި، ޖަމްބަލް ސޭލްފަދަ ހަރަކާތްތައް ހިމެނެއެވެ.
މި ކެމްޕޭންގެ ދަށުން އެއްކުރެވޭ ފައިސާ ޔަމުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައވަނީ ތުރުކީގެ އީހާހާ ޖައްމިއްޔާ މެދުވެރިކޮށްކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން މައުލޫމާތުދެއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމިއްޔާއެކެވެ. އެގޮތުން މީގެކުރިންވެސް ސޫރިޔާ، މިޔަންމާ، ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޖަމިއްޔާއިން ވަނީ އިންސާނީ އެހީ ދީފައެވެ.