ޚަބަރު

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ފެށުމަށް ތަމްރީން ޕްރޮގްރާމްތަކެއް ފަށަނީ


ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖޭގައި ތަޢާރަފްކުރުމަށްޓަކާ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީން ފޯރުކޮށްދޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ޖަޕާނުގެ ސަރުކާރުގެ އެހީތެރިކަމާއިއެކު ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތަޢާރަފްކުރުމަށް ރާއްޖޭގައި މިމަސްވެރިކަން ކުރެވިދާނެތޯ ބެލުމަށް ޕްރޮގްރާމެއް ހިންގާފައިވާކަމަށެވެ. އަދި މިޕްރޮގްރާމްގެ ޒަރިއްޔާއިން މިއީ ރާއްޖޭގައި ކުރެވިދާނެކަމެއްކަން ހާމަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެ މަސްވެރިކަމަކީ އަޅުގަނޑުމެން ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގައިވެސް ހަމަ ކުރެވިދާނެ މަސްވެރިކަމެއް. ރިސާރޗް ހެދުމުގެ ގޮތުން އެމަސްވެރިކަން އަޅުގަނޑުމެނަށް ކުރެވިއްޖެ. އެއީ ކާމިޔާބުކަމާއެކު ކުރެވިދާނެ މަސްވެރިކަމެއްކަން ފާހަގަކުރެއްވިއްޖެ. ތޫތި ބޯވަދިލަމަހުގެ މަސްވެރިކަން ޝައުޤުވެރިވާ ފަރާތްތަކަށް އަވަސް މުސްތަޤްބަލެއްގައި އެފުރުސަތު ހުޅުވާލެވޭނެ. މިމަސްވެރިކަން ކުރާނެ ތަމްރީނާއި ހުނަރު މިނިސްޓްރީ މެދުވެރިކޮށް މިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނެ. މަސައްކަތް ކޮށްދޭނަން މާރކެޓް ކުރެވޭތޯ."

މިނިސްޓަރގެ ވާހަކަފުޅުގައި ތޫތަ ބޯވަދިލަމަހުގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަންފާކުރާނެ ފަދަ ވިޔަފާރިއެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން ބައިނަލްއަޤްވާމީ ބާޒާރުގައި ތޫތި ބޯވަދިލަމަހަށް ރަނގަޅު އަގެއް ލިބޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިވައުދު ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދުމަށް ފިޝަރީޒް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.