ޚަބަރު

ސަފީރުން އައްޔަންކުރުމުގެ މައްސަލަ ކޮމެޓީއަށް


ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ފޮނުވައިފިއެވެ. ރާއްޖޭގެ ފަރާތުން އދ ކަނޑައަޅުއްވާ މަންދޫބާއި އެމެރިކާއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައިވަނީ މ. ނޫރިހި، އަލްފާޟިލާ ތިލްމީޛާ ޙުސައިން އެވެ.

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް ހ. އަމީނީގެ، ޑރ. ފަރަހަނާޒް ފައިސަލާއި ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ދަފްތަރު ނަންބަރު 4336، ޑރ. އަބްދުﷲ މައުސޫމާއި ޖަރުމަނުވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް އައްޔަންކުރެއްވުމަށް ހ. ސީވީޑް އަޙްމަދު ލަތީފްގެ ނަންފުޅުވެސް ވަނީ މަޖިލީހަށް ފޮނުވާފައެވެ.

މި ބޭފުޅުންގެ އިތުރުން، ބްރަސަލްސްއަށް ކަނޑައަޅުއްވާ ސަފީރުކަށް ގ.ފިޔާތޮށިގެ ޙަސަން ޞާބިރާއި އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރަކަށް ހ.ދޫރިހާ އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ އާއި މެލޭޝިޔާއަށް ކަނޑައަޅުއްވާ ސަފީރަކަށް ހ.އާޒާދެވާދީ ވިސާމް ޢަލީގެ ނަންވެސް މަޖިލީހަށް ވަނީ ފޮނުވާފައެވެ.
މީގެއިތުރުން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރަކަށް ހ.ހިކިފިނިފެންމާގެ، އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ނަންފުޅު ރައީސް ޞާލިޙު ވަނީ ފޮނުއްވާފައެވެ.

ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބުނެފައި ވަނީ ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ޢައްޔަން ކުރަންވާނެ ކަމަށެވެ.