ޚަބަރު

20 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި


20 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއަހަރުގެ ކޭމްޕް 115 ބައިވެރިން ފުރިހަމަކޮށްފައިވާއިރު ބޭރުގެ 4 ޤައުމަކުން މި ކޭމްޕްގައި ބައިވެރިވެފައިވެއެވެ.

ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ 20 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގައި މާލޭގެ 13 ސްކޫލަކާއި، އެކި ރަށްރަށުން 14 ސްކޫލެއްގެ ދަރިވަރުން ހިމެނޭހެން ޖުމްލަ 27 ސްކޫލެއްގެ ކެޑޭޓުން ބައިވެރިވެފައިވެއެވެ. މި ކޭމްޕަކީ ކޮންމެ ކެޑޭޓަކީވެސް މުޖުތަމައަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޭމްޕެކެވެ. އަދި ކެޑޭޓުންގެ މެދުގައި ދީނީ އަދި އަޙްލާޤީ ރޫޙު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަކީވެސް މިފަދަ ކޭމްޕެއް ބޭއްވުމުގެ މަޤްޞަދެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ކެޑޭޓް ކޭމްޕްގައި ހަރަކާތްތެރިވާ ދަރިވަރުންނަކީ ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދީފައިވާ ދަރިވަރުންތަކެއް ކަމަށެވެ. އަދި ކެޑޭޓްގައި މަސައްކަތްކުރާ ދަރިވަރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އެ އަޒުމުގައިކަމަށާއި، އަމާން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމުގައި ކެޑޭޓުންނަށް ފޯރުކޮށްދޭ ތަމްރީނުތަކުގެ ބޭނުންހިފައި ކެޑޭޓުންގެ ރޯލު މުޖުތަމައުގައި އިތުރުކުރަން ޖެހޭކަމަށެވެ.

"
"މި ކޭމްޕުގެ ތެރެއިން އަހުލާގީ ރިވެތި ސުލޫކާއި، ފަސްޓް އެއިޑާއި، އަސްކަރީ ބައެއް ހުނަރުތަކުގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތު ކުރުމުގެ ފުރުސަތު ކެޑޭޓުންނަށް ފަހިކޮށްދީފައިވާއިރު، މިހުރިހާ އިލްމެއްގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުން ވަރަށް މުހިންމު. ކެޑޭޓުންނަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހަރަކާތްތެރިވާންފެށި ޒުވާނުންގެ ފޯސްއަކަށްވެފައި މި ކެޑޭޓުން މުޖުތަމައު ބިނާކުރުމުގައި މި ތަމްރީންތަކުގެ ބޭނުން އެންމެ އެކަށޭނަގޮތުގައި ހިފުން މުހިންމު."
މިނިސްޓަރ ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

20 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި މި ކޭމްޕްގައި ބައިވެރިވެ ކާމިޔާބުކަމާއެކު ނިންމި ކެޑޭޓުންނަށްވަނީ އެކަމުގެ ބެޖް ދީފައެވެ. އަދި އަދި މުޅި ކޭމްޕުގެ އެންމެ މޮޅު 10 ކެޑޭޓުންވެސް ވަނީ ހޮވާފައެވެ. މި ކޭމްޕްގެ އެންމެ މޮޅު އަންހެން ކެޑޭޓަކަށް އައިމިނަތު ޖަދްވާ ޚަލީލް ހޮވިފައިވާއިރު، އެންމެ މޮޅުފިރިހެން ކެޑޭޓަކަށް ހޮވިފައިވަނީ އަހުމަދު ޒަޔާންއެވެ. ކިޔަވައިދިން އެކެޑަމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ދާނިޝް ޖިހާދް ހޮވިފައިވާއިރު އެންމެ މޮޅު ޕްލެޓޫންއަކަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.