ވިޔަފާރި

އިންޖީނުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި


އެމްޓީސީސީން ވިއްކާ އިންޖީނުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ "އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން" ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅު އެމްޓީސީސީން ކުރިއަށްގެންދާ މިޕްރޮމޯޝަންގެ ތެރެއިން މިއަހަރުގެ ޕްރޮމޯޝަންގައި ޑިސްކައުންޓްތަކަކާއެކު ވިއްކުމަށް ހަމަޖެހިފައިވަނީ ޔަންމާ އިންބޯޑް އިންޖީނު އަދި ސުޒުކީ އައުޓް ބޯޑް އިންޖީނެވެ.

ސުޒުކީ އިންޖީނުތަކުން ފަހެއް އިންސައްތައާއި ސޯޅަ އިންސައްތައާއާއި ދޭތެރޭގެ ޑިސްކައުންޓްތައް ލިބޭއެވެ. އަދި ޔަންމާ އިންޖީނުގެ ސަތޭކަ ފަނަރައާއި ދުއިސައްތަ ދިހަ ހޯރސް ޕަވަރ އިންޖީނުތަކުން ބޮޑު ޑިސްކައުންޓެއް ލިބޭނެކަމަށް އެމްޓިސީސީން ބުނެއެވެ. މީގެ އިތުރުން ޔަންމާ ކިޓް އަދި ސުޒުކީ މެއިންޓަނަންސް ކިޓްތަކުން ވެސް 38 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓިިސީސީގެ ޖެނަރަލް މެނޭޖަރ އިސްމާއިލް އަދުހަމް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެކުންފުނިން ކުރިއަށްގެންދާ ޕްރޮމޯޝަންތަކަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބެމުންދާކަމަށާއި މިއަހަރު ވެސް މި ޕްރޮމޯޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުން އަންނަ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޮޝަން މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ކުރިއަށްދާނެއެވެ. އެގޮތުން އ.އ އުކުޅަހާއި ތ. އަތޮޅުގެ ރަށްތަކުގައި މި ޕްރޮމޯޝަން ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާއިރު މިއީ މި ޕްރޮމޯޝަން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.