ސިއްހަތު

ޓަރޝަރީ ހޮސްޕިޓަލުގެ ހިންގުން ވަކި ބަޔަކާއި ޙަވާލު ކުރުމާއި މެދު ގޮތެއް ނުނިންމަން - މިނިސްޓަރ


އައްޑޫ ސިޓީގައި ތަރައްޤީ ކުރަމުންގެންދާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް ހިންގާނީ ސަރުކާރުންތޯ ނުވަތަ އަމިއްލަ ފަރާތަކަށް ޙަވާލު ކޮށްގެންތޯ ސަރުކާރުން އަދި ނިންމާފައި ނުވާ ކަމަށާއި ބޭނުންވަނީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލްގެ ޚިދުމަތް އައްޑޫ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވެއްޖެއެވެ.

ވަޒީރުކަމާއި ޙަވާލުވެވަޑައިގެން ރާއްޖޭގެ ރަށަކަށް ކުރި ފުރަތަމަ ދަތުރުފުޅުގައި، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ސިއްޙީ ނިޒާމުގެ ޙާލަތު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ "ވަގުތު ކުރެވިފައިވާ މިންވަރަށް" އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ނިމި ޚިދުމަތް ދޭން ތައްޔާރުވުމާއި އެކު ހޮސްޕިޓަލް ހިންގުމުގެ ކަންކަމާއި ސަރުކާރުން ވިސްނާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ސިއްޙީ ޙާލަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އައްޑޫގެ ސިއްޙީ ޙާލަތު އެމަނިކުފާނު "ތަސައްވަރު" ކުރި ވަރަށްވުރެ ވެސް ގޯސް ކަމަށާއި ރަނގަޅު ކުރަންޖެހޭ އެތައް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ މައްސަލަތައް ޙައްލު ކުރެވޭނީ އެކަމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދީގެން ކަމަށް މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.


"އައްޑު އަތޮޅުގެ ސިއްޙީ މައްސަލަތައް ޙައްލު ކުރުމަކީ ސިއްޙީ ވަޞީލަތް ޤާއިމް ކުރުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ސިއްޚީ ޚިދުމަތްތައް ބަރާބަރަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އިސް ނެންގެވުމެއް އެއީ އައްޑޫ ސިޓީގެ ސިއްޙީ ޚިދުމަތަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން ސިއްޙީ ދާއިރާގެ މަސައްކަތުގެ ލިސްޓުގެ އެންމެ ކުރިއަށް ގެނައުން،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އައްޑޫގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމުން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ އައްޑޫގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް އެއްމޭޒަކަށް އައިސް ވަރަށް ބޮޑަށް ކަމާ ގުޅޭ ދާއިރާތަކުގެ އެންމެ މަޝްވަރާ ކުރަން ޖެހިފައިވާކަންކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ސިޓީ ކައުންސިލާއި އޮތް ގުޅުން ވަރުގަދަކޮށް މިދާއިރާގައި ޚިދުމަތްދެމުންގެންދާ އަމިއްލަ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ މަޝްވަރާއާއި އެހީތެރިކަމަކީ މިދާއިރާ ކުރިއެރުވުމަށް މުހިއްމު ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.