ޚަބަރު

މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ބޮޑު ހަރަކާތް ރައީސް ފައްޓަވައިދެއްވައިފި


މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ބޮޑު ހަރަކާތް "ސާފު ރާއްޖެ - އަހަރެންގެވެސް ޒިންމާ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭ ސްޓޭޑިއަމް ސަރަހައްދު ސާފުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. "ސާފު ރާއްޖެ - އަހަރެންގެވެސް ޒިންމާ" ގެ ނަމުގައި ފެށި މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ބޮޑު ހަރަކާތަކީ ރާއްޖެ ސާފު ތަނެއްގެގޮތުގައި ބޭއްވުމަށް ޢާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި މުޅި ރާއްޖޭގައި ފެށި ހަރަކާތެކެވެ.

މި ހަރަކާތް ފައްޓަވައިދެއްވައި ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޤުދުރަތީ ވެށިން ލިބޭ މަންފާ ދެމެހެއްޓެނި ގޮތެއްގައި ލިބިގެންދާނީ ރާއްޖޭގެ ވެއްޓަކީ ކުނިން ސަލާމަތްވެފައިވާ ތަނަކަށް ހަދައިގެންކަމަށެވެ. އަދި ކުންޏަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ޙައްލު ހޯދުމަށް ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޤާއިމްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ސާފުޠާހިރު ޤައުމެއްގެ ގޮތުގައި ދިވެހިން މުޅި ދުނިޔެއަށް ނަމޫނާ ދައްކަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިޖުތިމާޢީ ބޮޑު މައްސަލައަކަށް ކުނިވެފައިވާއިރު ތިމާވެށި ޙިމާޔަތް ކުރުމަށް ކުދި ޖަޒީރާތަކުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެއަށް ދެމި އޮވެވޭނީ ސާފު ރާއްޖެއަކަށް އަދި ސާފުވެއްޓަކަށް ރާއްޖެ ހަދައިގެން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ސާފުކުރުމުގެ ޤައުމީ ބޮޑު ހަރަކާތް ފެށުމުގެ ގޮތުން މާލޭގެ 10 ޒޯނެއްގައި ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާއިރު މި ޙަރަކާތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، ދައުލަތުގެ ވަޒީރުންނާއި، މާލޭ ސިޓީގެ މޭޔަރުވެސް މިހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މިހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ސާފުކުރުމުގެ މި ހަރަކާތް ކާމިޔާބުވާނީ ކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ކުނި އުފައްދާ މިންވަރުވެސް މަދުކޮށްގެން ކަމަށެވެ. އަދި މިކަމުގައި ޢާންމުންގެ ބައިވެރިވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކެވި ވަޒީރުން ވިދާޅުވީ ސާފުތާހިރުކަމަކީ ވަރަށް ގިނަ ދާއިރާތަކުން މުޖުތަމައަށް ފައިދާކުރާނެ ދާއިރާތަކެއްކަމަށެވެ.

މުޅި ރާއްޖޭގައި ކުރިއަށްގެންދަންފެށި މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަނީ ރަސްމީކޮށް ފަށާފައެވެ. ދެމެހެއްޓެނިވިގޮތެއްގައި މިހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މިއީ ކުނީގެ މައްސަލައާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ވެށި ސާފުކުރުމުގެ ގޮތުން ރާއްޖޭގައި ފެށި އެންމެ ބޮޑު ޤައުމީ ހަރަކާތެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ތިމާވެއްޓާ ގުޅުންހުރި ގިނަ ވަޢުދުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފެށުމުގެ އިތުރުން، މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގައިހުރި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަން ހިމާޔަތް ކުރުން ހިމެނެއެވެ.