ޚަބަރު

ކުރީގެ ސާފުތާހިރު ދިރިއުޅުމަށް ރުޖޫޢަވުމަށް ރައީސް ގޮވާލައްވައިފި


ކުރީގެ ސާފުތާހިރު ދިވެހިންގެ ގޮތަށް ރުޖޫޢަވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

މުޅިރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތް " ސާފު ރާއްޖެ - އަހަރެންގެވެސް ޒިންމާ" ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެއަކީ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކުރަންޖެހޭކަމަށެވެ.

ރާއްޖެ މަޝްހޫރުވެފައިވަނީ ސާފުތާހިރުކަމަށް ލޯބިކުރާ، ގޮތްހުރި ބަޔަކު ދިރިއުޅޭ ޖަޒީރާރަށްތަކެއްގެ ގޮތުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ތަރައްޤީގައި ކިތަންމެ ކުރިއަށްދިޔަ ނަމަވެސް ޖަޒީރާވަންތަ ސިފަތައް ރާއްޖެއިން ގެއްލިގެން ނުދާނެކަމަށާއި، އެ ސިފަތައް ދެމެހެއްޓޭނީ، ދިވެހިންގެ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެންކަމަށެވެ. އަދި މިފަދަ ޕްރޮގްރާމެއް ފަށަން ނިންމެވީވެސް ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން، އެގޮތުގައި ދަމަހައްޓައިގެން މެނުވީ، ރާއްޖޭގެ ޤުދްރަތީ މުއްސަނދި ކަމުގެ ނަފާ، ހެޔޮގޮތުގައި ނުލިބޭނެކަމަށް ގަބޫލުކުރެވޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"
"މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަން މި ނިންމީވެސް މި ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން އެގޮތުގައި ދަމަހައްޓައިގެން މެނުވީ ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ނަފާ ހެޔޮގޮތުގައި ނުލިބޭނެކަމަށް ޤަބޫލުކުރެވޭތީ"
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެ ސާފުކުރުމުގެ ހަރަކާތާއެކު ފެށިގެން ދިޔައީ ތިމާވެށީގެ ގޮތުން މުއްސަނދި ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ފުރިހަމަކަމާއެކު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމުގެ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެ ސާފުތާހިރު، ހިތްގައިމު ތަނެއްގެގޮތުގައި ދެމެހެއްޓުމުގެ މަސައްކަތުގައި އެންމެން ބައިވެރިވުމަށާއި، ޒަމާނުންސުރެ ދިވެހިންގެ ކިބައިގައިހުރި ސާފުތާހިރުކަމުގެ ސިފަ އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.