ވިޔަފާރި

ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަ ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފްކޮށްފި


ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ތަމްރީންތަކަށް ހާއްސަ ސްކޮލަރޝިޕެއް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢައިޝަތު ނަހުލާ އިފްތިތާހުކޮށްދެއްވައިފިއެވެ.

"ނެކްސްޓް ޖެން އޭވިއޭޓާޒް"ގެ ނަމުގައި ތައަރަފްކުރި މިސްކޮލަޝިޕް ޕްރޮގްރާމް އޭވިއޭޝަން މިނިސްޓަރ އިފްތިތާހުކޮށްދެއްވީ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަސް ފާހަގަކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖެއިން މަދަނީ ވައިގެ ދަތުރު ފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއްކުރަމުންދާކަމަށެވެ. ނަމަވެސް މިދާއިރާއަށް މުވައްޒަފުން ބިނާކުރުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

" މަދަނީ ވައިގެ ދަތުރު ފަތުރުގެ ދައިރާގައި އިންސާނީ ވަސީލަތް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ. އެހެންކަމުން މިދާއިރާއަށް ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމް، "ނެކްސްޓް ޖެން އޭވިއޭޓާޒް" ޕްރޮގްރާމް އިފްތިތާޙުކުރުމަކީ އަޅުގަނޑަށް ލިބޭ ބޮޑު އުފަލެއް." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ 40 އިންސައްތަ ޙިއްސާކުރަނީ އޭވިއޭޝަން ދާއިރާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އުދުހުންތަކުގެ އަޤުހެޔޮކުރުމަކީ މިސަރުކާރުގެ ވައުދެއްކަމަށާއި އެކަން ކާމިޔާބުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި ވަރަށް އަވަހަށް ހެލިކޮޕްޓަރގެ ހިދުމަތް އަލުން ފެށުމަށް ތައްޔާރުވަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ނެކްސްޓް ޖެން އޭވިއޭޓާޒް" ނަމުގައި ސްކޮލަރޝިޕް ޕްރޮގްރާމެއް ތަޢާރަފްކޮށްފައިވާއިރު މިޕްރޮގްރާމްގެ އިތުރު ތަފްސީލް ވަރަށް އަވަހަށް ޢާއްމު ކުރާނެކަމަށްވެސް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެއެވެ.