ޚަބަރު

ޑިޒާސްޓާގެ ބެލުމުގެ ދަށަށް ގެނައި އާއިލާ، ގެއަށް ބަދަލުކުރަނީ


މިދިޔަ ބުދަ ދުވަހު މާލެއަށްކުރި ވިއްސާރައިގައި، ޑިޒާސްޓާގެ ބެލުމުގެ ދަށަށް ގެނައި ދެ އާއިލާގެ ތެރެއިން ގެއަށް ބަދަލުނުކުރެވި މިހާރު ވަނީ އެންމެ އާއިލާއެއް ކަމަށާއި ނަމަވެސް އެ އާއިލާވެސް ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރާމުންދާކަަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ޑިޒާސްޓަރއިން ބުނެފައިވަނީ ގެއަށް ބަދަލު ނުކޮށް ހުރި އާއިލާ ދިރިއުޅެމުންދާ ގެއަށް ދިމާވި މައިގަނޑު މައްސަލައަކީ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލައެއްކަމަށެވެ. ނަމަވެސް މިހާރު އެކަން ޙައްލުކޮށް، ގެއަށް މީހުން ބަދަލުކުރުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބަލަމުންދާކަމަށް ޑިޒާސްޓަރއިން ބުނެފައިވެއެވެ. އެގޮތުން އެންޑީއެމްސީއާއި، ހެލްތް މިނިސްޓްރީއިން ގޭގެ މާޙައުލަކީ މީހުން ބަދަލުކުރުމަށް ރައްކާތެރި މާޙައުލެއްތޯ ބެލުމަށް އެ ގޭގައި ޓީމެއް މަސައްކަތް ކުރަމުންދާކަމަށް އެންޑީއެމްސީއިން ބުނެއެވެ.

އެންޑީއެމްސީއިން ގެންދަނީ ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 196 ގެއަކަށް ފެނުގެ އަސަރުކޮށް، ގެއްލުންވެގެން ރިޕޯޓް ކޮށްފައިވާކަމަށް އެންޑީއެމްސީއިން ބުނެއެވެ. ގޭގެއަށް ދިމާވި މައްސަލަތައް ދެނެގަތުމަށް މަސައްކަތްކުރާ ޓީމުތަކުން މިހާތަނަށް 50އަށްވުރެ ގިނަ ގޭގެއަށް ގޮސް، ލިބުނު ގެއްލުމުގެ ތަފްސީލްތައް ބަލާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

އެންޑީއެމްސީން ބުނީ ގެއްލުމުގެ ތަފްސީލްތައް ބެލުމަށްފަހު، ކަނޑައެޅިފައިވާ ގައިޑްލައިންގެދަށުން ބަދަލު ދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ.