ޚަބަރު

އައްޑޫ ރައްޔިތުން ޓާޝަރީ ހޮސްޕިޓަލަކާއި ދޭތެރޭކުރާ އުންމީދު ހަޤީގަތަކައް ހަދާނަން- ހެލްތް މިނިސްޓަރ


އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް ތާވަލްކޮށްފައިވާ ދުވަހަށްވުރެ އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މިއަދުވަނީ އައްޑޫސިޓީ ޓާޝަރީ ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. މި މަސައްކަތްކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދުރު މުސްތަޤްބަލަކަށް ބަލާނަމަ، މިހާރު އައްޑޫސިޓީ ޓާޝަރީ ހޮސްޕިޓަލުގެ ބައެއް ކަންކަން ފަރުމާކޮށްފައިވާގޮތަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަންޖެހޭ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވޭގޮތުގައި މި އިމާރާތް ކުރުމުގަ ދުރު މުސްތަގްބަލަށް ދިމަވާނެ ވަރަށް ބޮޑެތި ގޮންޖެހުންތައް ފާހަގަކުރެވޭ. އަދި މި ޚިދްމަތް އިތުރަށް ފުޅާވެގެންދާއިރު މި ސަރަހައްދުގެ އާބާދީއާއި އަދި މަތީ ފެންވަރުގެ ޚިދްމަތްތައް ލިބެންފެށީމަ ރާއްޖޭގެ އެހެން ހިސާބުތަކުން މި ސަރަހައްދައް ރަނގަޅު ފެންވަރުގެ ސިއްހީ ޚިދްމަތްތައް ހޯދުމަށް މީހުންނަށް އާދެވޭނެ ވިސްނުމެއްގަ މިކަހަލަ ކަންތައްތައް ކުރުމުގެ މުހިންމުކަން ފާހަގަކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫއަށް ޓާޝަރީ ފެންވަރުގެ ސިއްޙީ ޚިދްމަތް ފޯރުކޮށްދިނުމަކީ ވަރަށްވެސް މުހިންމުކަމެއް ކަމަށާއި ކޮންމެ ސަރުކާރެއްއައިނަމަވެސް މިކަމަކީ އެ ސަރުކާރުގެ މަސްޢޫލިއްޔަތެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ ސިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރަމުންދާކަމަށާ، އައްޑޫ ސިޓީ، ޓާޝަރީ ހޮސްޕިޓަލުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބެންފެށުމުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުންވެސް މި ޚިދްމަތް ހޯދުމަށް އަންނަ މީހުންނަށް ރަނގަޅު ފެންވަރުގައި ޚިދްމަތް ފޯރުކޮށްދެވޭނެ ވިސްނުމެއްގަ މިކަން ކުރުން ވަރަށް މުހިއްމުކަމަށެވެ.
މިނިސްޓަރ ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ޓާޝަރީ ހޮސްޕިޓަލަކާއި ދޭތެރޭކުރާ އުންމީދު ހަޤީގަތަކައް ހައްދަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

"ސިޔާސަތު ރާވާއިރު މިއަށްވުރެން ފުރިހަމަޔަށް ސިޔާސަތު ރޭވުމަކީ އެ ސަރަހައްދެއްގެ ރައްޔިތުންނަށް ދާއިމީ ގޮތެއްގައި މައްސަލަ ހައްލުކުރުމަށް އިސްކަންދޭންޖެހޭ ކަމެއް. އަޅުގަނޑުމެން ވިސްނުން ބައްޓަން ކުރާނީ ރައްޔިތުންގެ ފަރާތުން އަބަދު ޝަކުވާތަކެއް ނުލިބި މިފަދަ ކަންކަން ރޭވުން" މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ އައްޑޫ ސިޓީގެ ސިއްޙީ ޙާލަތު ދެނެގަތުމަށެވެ. އަދި މިއީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުގެ ތެރެއިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، މަރަދޫފޭދޫ ދަމަނަވެށި އަދި ފޭދޫ ސިއްހީ މަރުކަޒަށް ވަޑައިގެން މިނިސްޓަރ ވަނީ އެތަންތަނުގެ ކަންކަން ވަރަށް ގާތުން ބައްލަވާ ލައްވާފައެވެ.