ޚަބަރު

ވިއްސާރާގައި އުފެދުނު ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ވެމްކޯގެ އެހީ ހޯއްދަވާ - ސިޓީ ކައުންސިލް


ފެންބޮޑުވެގެން ގެއްލުން ލިބިފައިވާ ގެތައް ވީހާވެސް ރަނގަޅަށް ސާފުކޮށް، ގޭގޭގައި ޖަމާވެފައިވާ ކުނި ފަދަ ތަކެތި ވެމްކޯއާއި ގުޅިގެން ރައްކާތެރިގޮތުގައި އުކާލުމަށް މާލޭ ސިޓީ ކައުންސިލްއިން އިލްތިމާސްކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ، ވިއްސާރަޔާއި ގުޅިގެން ގޭގޭގައި އުކާނުލެވި ހުރި ކުންޏާއި، ފެންބޮޑުވުމުގެ ސަބަބުން ގޭގެއިން އުކާލަންޖެހުނު ތަކެތި ވެމްކޯއާއި ގުޅިގެން އުކާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.

ޝިފާ ވިދާޅުވީ ވިއްސާރަވުމާއި ގުޅިގެން އެއްވެސް ބާވަތެއްގެ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި، އެކަމަށް އެކަށީގެންވާ ފިޔަވަޅުވެސް އަމުންދާކަމަށެވެ. އެގޮތުން މަދިރި އާލާވިޔަ ނުދިނުމަށްޓަކައި، ފެންހަރުލާގޮތަށް މަގުތަކުގައި ހުރި ކުނި ނެގުމާއި، މަގުތަކަށް ފޮގު ޖެހުމާއި، އަދި ޖަންކްގްޝަންތަކުން ނަޖިސް ބޭރުވި ސަރަޙައްދުތަކަށް ކްލޮރިން އެޅުންފަދަ ކަންކަން ކުރަމުންދާކަމަށް ޝިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ގޭގެއިން އެއްކޮށް ފެން ހިނދިފައިވީ ނަމަވެސް، ސާފުކުރުމުގެ މަސައްކަތް މިހާރުވެސް ކަމާގުޅޭ މުއައްސަސާތަކާއި، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ. އަދި ގިނަ ގެތައް ޢާއްމު ޙާއްލަތަށް ގެނެވިފައިވާއިރު، ބޮޑު ގެއްލުމެއްވެފައިވަނީ މަދު ގެއަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ގެއްލުންތައް ރަނގަަޅަށް ދެނެގަނެ އެހީވުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މުޅިން ކަންކަން ޙައްލުވަންދެން، ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ޝިފާ ވިދާޅުވިއެވެ.