ޚަބަރު

މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ކެމްޕެއިން ހޮނިހިރު ދުވަހު ފަށަނީ


މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ކެމްޕެއިން އަންނަ ހޮނިހިރު ދުވަހު ،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފަށްޓަވައިދެއްވާނެކަމަށް އެންވަރަމެންޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މި ޤައުމީ ކެމްޕެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ސާފު ރާއްޖެ އަހަރެންގެ ޒިންމާ" މި ޝިއާރުގެ ދަށުންނެވެ.

މި ކެމްޕެއިނާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެންވާރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މި ކެމްޕެއިން ފަށާނީ ހޮނިހިރު ދުވަހު ހެނދުނު ހަތްގަޑި ތިރީހުގައި މާލޭ މާފަންނު ޓަރފް ދަނޑުގައި ބާއްވާ ރަސްމިއްޔާތެއްގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މި ޤައުމީ ކެމްޕެއިން އެވަގުތު މުޅި ރާއްޖޭގައި ފެށިގެންދާނެކަމަށެވެ. އަދި މިކަމުގައި ރަށްރަށުގެ ކައުންސިލްތަކާއި ވަކިވަކި ފަރުދުންނާއި އެކި މުވައްސަސާތަކުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޤައުމީ ކެމްޕެއިނަކީ ވަކި އުމުރެއް އަދި ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކެމްޕެއިނެއް ނޫންކަމަށެވެ. އެހެންކަމުން ރަށްރަށުގެ ކައުންސިލްތަކާއި ވަކި ފަރުދުންނަށް މި ކެމްޕެއިންގެ ހަރަކާތްތައް އިންތިޒާމް ކުރުމަށް މިނިސްޓްރީން އެހީތެރިކަން ދެމުން ދާނެކަމަށެވެ. މިނިސްޓަރ ވަނީ ކުނި މެނޭޖް ކުރުމުގައި ފަރުދީ ޒިންމާގެ މުހިންމުކަމާއި، އެމީހަކު އުފައްދާ ކުންޏަށް އެމީހަކު ޒިންމާވުމަކީ މުހިންމު ކަމެއްކަން ހާމަކުރައްވާފައެވެ.

އެންވާރަމެންޓް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކުނި މެނޭޖް ކުރުމަށް ދަތިތަކެއް އެބަހުރިކަމަށާ، އެ މައްސަލަ ހައްލު ކުރުމުގައި ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި އުފެދޭ ކުނީގެ ބާވަތްތައް ވަކިނުކޮށް އުކާލުމުގެ ބަދަލުގައި ކުނީގެ ބާވަތްތައް ވަކިކުރެވި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ރިސައިކަލް ކުރުމާއި މެނޭޖް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ކެމްޕެއިނަކީ، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.