ޚަބަރު

ވިއްސާރައިގައި ލިބެމުންދާ ގެއްލުން ކުޑަކުރުމަށް އެމްއެންޑީއެފްގެ ފުލް ޓްރޫޕް ދަނީ ޙަރަކާތްތެރިވަމުން- މިނިސްޓަރ


މާލެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ކުޑަކޮށް ފެން ހިންދުމަށާއި އާންމުންނަށް އެހީތެރިވެދިނުމަށް އެމްއެންޑީއެފްގެ ހުރިހާ ޓްރޫޕެއް ޙަރަކާތްތެރިވަމުންދާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ހެނދުނު ދިހަ ގަޑި ތިރީހުން ފެށިގެން މިހާތަނަށް މާލެއަށް ކުރި ވިއްސާރައިގައި 149 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާތީ، މޭލޭގެ 14 ސަރަހައްދެއްގައި ފެން ޕަމްޕް ބަހައްޓައިގެން ފެން ހިންދުމަމުންދާކަމަށެވެ. އަދި ބައެއް ގެތަކުންމީހުން ނެރެ ހުސްކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓީއޯގެ ކާޑު ގުދަންތަކަށް ފެން ވަނަ ނުދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމްއެންޑީއެފުން ދަނީ މާލޭގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް މެދުކެންޑުމެއްނެތި ކުރަމުންނެވެ.