މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެެ ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއިި، ލިޔެލާޖެހުމާއި، ވަޑާންކުރުމެވެ. އެގޮތުން ލިޔެލާޖެހި ތަކެތި ރިސޯޓްތަކަށް ވިއްކައިގެން ތުޅާދޫ ގިނަ ޢާއިލާތަކުން ބޮޑު ޢާމްދަނީއެއް ހޯދައެވެ. ކާބަފައިންގެ ޒަމާނުއްސުރެ ލިޔެލާ ޖެހުމަށް މަޝްހޫރު ތުޅާދޫ ގައި މިމަސައްކަތް ކުރާ ފަރާތްތަކުން ބުނީ ލިޔެލާ ޖެހި ތަކެތި ވިއްކައިގެން އެކަށީގެންވާ ޢާމްދަނީއެއް ލިބޭ ކަމަށެވެ. ޚާއްޞަ ގޮތެއްގައި ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރު މިކަމުން ލިބޭ އާމްދަނީ ވަރަށް ބޮޑުކަން އެމަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ލިޔެލާޖާފައިހުންނަ ތަކެތި އެންމެ ގިނައިން ގަނެ އުޅެނީ ފަތުރުވެރިންކަމުން، ފަތުރުވެރިކަމުގެ ސީޒަންގައި ރިސޯޓްތަކުން ލިބޭ އޯޑަރުތައް ގިނައެވެ. މީގެއިތުރުން މިދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރުކަމުން ތުޅާދޫއަށް އެކި ބޭނުންތަކުގައި އަންނަ މީހުންވެސް ލިޔެލާ ޖެހި ތަކެތި ގަންނަކަމަށް އެމަސައްކަތްކުރާ މީހުން ބުނެއެވެ.
އާންމުގޮތެއްގައި ލިޔެލާޖާ މީހުންނަށް މަހެއްގެ މައްޗަށް ދިހަހާހެއްހާ ރުފިޔާ ލިބޭއިރު، ފަތުރުވެރިކަމުގެ މޫސުމާއި، ސުކޫލް ޗުއްޓީ ދުވަސްވަރު މިކަމުން ލިބޭ އާމްދަނީ ދެގުނައަށް އިތުރުވެގެންދާކަން އެމީހުން ފާހަގަކުރެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދިން މީހުން ބުނީ މި މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ލާ ޖެހުމަށް ބޭނުންކުރާނެ ލަކުޑި ނުލިބުންކަމަށެވެ. އެގޮތުން ކުރިން މިކަމަށް ބޭނުންވާ ލަކުޑި ހޯދަމުންދިޔައީ ބ. އަތޮޅުގެ ފަޅު ރަށްރަށުން ނަމަވެސް، މިހާރު އެއަތޮޅުގައި ފަޅު ރަށެއްނެތުމުން ލަކުޑި ހޯދަން އުދަނގޫކަން މިމަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިކަމަށް ބޭނުންވާ ލަކުޑި ގަތުމަށްވެސް ދަތިތަކާ ކުރިމަތިވާކަން އެމީހުން ފާހަގަކުރެއެވެ.
މިކަމަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ރަށު ކައުންސިލާ މަޝްވަރާކުރަމުންދާކަމަށް ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތްކުރާ މީހުން ބުނެއެވެ. ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސެއިން ރަޝީދު ޙަސަން ބ. އަތޮޅަށް ދާދިދަހުން ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި ކައުންސިލްތަކާ ސަރުކާރުން ގުޅިގެން އެއްބަސް ވެވޭ ހައްލުތަކެއް ހޯދަވައިދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.
މީގެ 300 ވަރަކަށް އަހަރުކުރިން ރާއްޖޭގައި ފެށިފައިވާ ލިޔެލާޖެހުމުގެ މަސައްކަތް ތުޅާދޫއަށް ތައާރަފްކޮށްފައިވަނީ އެއަތޮޅު ފަރެހު ބޮޑުމޫސަ ނުވަތަ ފަރެހު ދޮންމޫސަ ނަމަކަށްކިޔާ މީހެއްކަމަށް ތާރީޚް ދަންނަ މީހުން ބުނެއެވެ.