ޚަބަރު

ދަރުމަވެރިވުމުގައި ދިވެހިން އެންމެ ކުރީ ސަފުގައި


ދަރުމަވެރިންނަކީ ރާއްޖޭގެ އިޖުތިމާއީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ދިމާވާ އެކި ކާރިސާތަކާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އާންމު އިޖްތިމާއީ ހަރަކާތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ދަރުމަވެރިން ހަރަކާތްތެރިވެއެވެ. މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދަރުމަވެރިންގެ ދުވަހެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަންފަށާފައިވަނީ 1985 އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އދ. ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރާ ގުޅިގެންނެވެ. ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ދަރުމަވެރިން މުޖުތަމައަށް ކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް މިފަދަ ކަންކަމަށް ހިތްވަރު ދިނުމެވެ. މި އަހަރުގެ ދަރުމަވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "ވޮލެންޓިއަރސް ބިލްޑް ރެސިލިއަންޓް ކޮމިއުނިޓީސް" ނުވަތަ "އަމާން ހަމަޖެހޭ މުޖުތަމައެއް ބިނާ ކުރާނީ ދަރުމަވެރިން" މި ޝިއާރެވެ.

ރާއްޖޭގައިވެސް ދަރުމަވެރިންގެ މަސައްކަތްތައް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ނުރަސްމީ ހަރަކާތްތަކުން ފަށައިގަތް ދަރުމައަށް މަސައްކުރުމުގެ ހަރަކާތްތައް މިއަދު މިވަނީ ރަސްމީ މަދަނީ ޖަމިއްޔާތަކުގެ ތާވަލު ހަރަކާތްތަކަށް ބަދަލުވެފައެވެ. މިއަދު ރާއްޖޭގެ މީހުން ދިރިއެޅޭ ކޮންމެ ރަށެއްގައިވެސް މަދަނީ ޖަމިއްޔާއެއް އޮންނައިރު، ދަރުމަވެރިންގެ މަސައްކަތުގެ މުހިންމުކަން މިވަނީ އިތުރުވެފައެވެ.

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއިން ފެށިގެން 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ދަތިކަމާއި، ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހޭ މީހުންނަށް އެހީވުމުގައި ރާއްޖޭގެ ދަރުމަށްއަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ލާމަސީލު މިސާލުދައްކާފައެވެ. ހާލުގައި ޖެހިފައިވާ ރޮހިންގޔާ މުސްލިމުންނަށް އެހީވުމާިއ، ތުރުކީގެ ބޯޑަރު ސަރަހައްދުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކާ އަޅާބަލާއިރު އަބާދީގެ ނިސްބަތުން އެންމެ ބޮޑު އެހީއެއްވެފައިވަނީ ދިވެހިންނެވެ.

ދަރުމަވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން 2016 ވަނަ އަހަރު ރާއްޖެއިން ވަނީ ދަރުމަވެރިންނަށް ޒުވާނުންގެ އިނާމު ދޭންފަށާފައެވެ. ދުނިޔޭގައި 109 މިލިއަނަށްވުރެ ގިނަ ދަރުމަވެރިން އުޅޭއިރު މީގެތެރެއިން 60 އިންސައްތަ ދަރުމަވެރިންނަކީ އެއްވެސް ޖަމިއްޔާއަކަށް ނިސްބަތްނުވާ ފަރާތްތަކެވެ. މިކަމުގެ ސަބަބުން އެ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންނުކުރެވިދާކަން ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި އދ. އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދަރުމަވެރިކަމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތްތަކަކީ، ރަސްމީކޮށް ހިންގުމުގެ ބަދަލުގައި ޚާއްޞަ ޙާލަތްތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މިފަދަ ނުރަސްމީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 60 އިންސައްތަ ދަރުމަވެރިންނަކީ އަންހެނުންނެވެ.