ޚަބަރު

ޑިސްޕޯސަބަލް ޕްލާސްޓިކާއި ދެކޮޅު ކެންޕެއިންގައި ލަކްސް ރިސޯޓް ބައިވެރިވެއްޖެ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދެކޮޅަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް، އޭޓީޕީއިން ކުރިއަށްގެންދާ ކެންޕެއިންގައި ލަކްސް ސައުތު އަރިއެޓޯލް މޯލްޑިވްސް ރިސޯޓް ބައިވެރިވެއްޖެއެވެ.

މިއީ އޭޓީޕީން ކުރިއަށްގެންދާ ކެމްޕެއިންގައި ބައިވެރިވި ފުރަތަމަ ރިސޯޓެވެ.

އޭޓީޕީން ބުނީ އެ އެސޯސިއޭޝަންގެ ކެންޕެއިންގައި ބައިވެރިވެ ޕްލާސްޓިކް ބޭނުންކުރާ މިންވަރު ދަށްކުރުމަށް ލަކްސް ރިސޯޓުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެތެރޭގައި ތަފާތު ކެމްޕެއިންތައް ކުރިއަށް ގެންދިއުމާއި ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ބޭގް އަދި ފުޅި ބޭނުންކުރުން ހުއްޓާލުން ހިމެނެއެވެ.

ލަކްސް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯނަސް އެމްސްޓަޑް ބުނީ އޭޓީޕީން ކުރިއަށްގެންދާ މި ކެންޕެއިންގައި ބައިވެރިވި ފުރަތަމަ ރިސޯޓަށް އެ ރިސޯޓުވުމަކީ އުފާކުރާ ކަމެއްކަމަށެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށް އޭނާ ބުންޏެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދެކޮޅަށް ކެމްޕެއިނެއް ފަށާފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

މި ޖަމުއިއްޔާ އުފައްދާފައިވަނީ މިދިޔަ މަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވޯރޑް ޓެރެވެލް މާރޓްގެ ތެރެއިންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތައް ގުޅިގެން އުފެއްދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެ ޖަމުއިއްޔާގެ މަސައްކަތްތައް ބިނާކުރާނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުމަށާއި، ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ އިތުރުން ދާއިރާގެ މީހުން ތަމްރީނުކުރުމަށް ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.