ޚަބަރު

3 ފެއަރއެއްގައި ބައިވެރިވުމުގެ ފުރުސަތު އެމް.އެމް.ޕީ.އާރު.ސީން ހުޅުވާލައިފި


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ޖެނުއަރީމަހު އޮންނަ ބައިނަލްއަޤްވާމީ 3 ފެއަރއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްޕީއާރުސީން ހުޅުވާލާފައިވާ ފުރަތަމަ ފެއަރއަކީ ވަން ވޯލްޑް ޓްރެވެލް މާރޓް، އޯޓީއެމްއެވެ. މި ފެއަރއަކީ އިންޑިއާގެ މުމްބާއީގައި ޖަނަވަރީމަހުގެ 23 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ކުރިއަށްދާ ފެއަރއެކެވެ.

އޯޓީއެމް ފެއަރއަކީ އޭޝިޔާ ފެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ. ކޮންމެ އަހަރަކު ބާއްވާ މި ފެއަރއަށް 15،000 އަށްވުރެ ގިނަ ފަރާތުން ޒިޔާރަތްކުރެއެވެ.

އޯޓީއެމް ފެއަރގެ އިތުރުން އެމްއެމްޕީއާރުސީން ބައިވެރިވުމަށް ހުޅުވާލާފައިވަނީ ފިތޫރު ފެއަރގައެވެ. މި ފެއަރ އޮންނާނީ ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި ޖެނުއަރީމަހުގެ 23 އިން 27 އަށެވެ. މިއީ ފިތޫރު ފެއަރ ބާއްވާ 39 ވަނަ އަހަރެވެ. ފެއަރގެ ފުރަތަމަ 3 ދުވަސް ޙާއްސަކޮށްފައިވަނީ އެކި ޤައުމުތަކުން މި ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށެވެ. އަދި ފަހު 2 ދުވަސް އާންމުންނަށް ހުޅުވާލާނެއެވެ. މިއަހަރުގެ މިހާތަނަށް ސްޕެއިންއިން ރާއްޖެއަށް 26 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެއިތުރުން ފެސްޕޯ ފެއަރގައި ބައިވެރިވުމުގެ ފުރުސަތުވެސް އެމްއެމްޕީއާރުސީން ވަނީ ހުޅުވާލާފައެވެ. މިއީ ސްވިޒަލޭންޑްގެ ޒިއުރިކްގައި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 އިން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފެއަރއެކެވެ. މިއީ ފެސްޕޯ ފެއަރ ބާއްވާ 29 ވަނަ އަހަރެވެ. 2018 ވަނަ އަހަރުގެ ފެސްޕޯ ފެއަރގައި 600 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި މި ފެއަރއަށް 63،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

މި 3 ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވަކިވަކިން ރަޖިސްޓްރޭޝަން ފޯމު ފުރުމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ފޯމު ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 13 ވަނަ ދުވަހެވެ.

މި ފެއަރތަކުގައި ބައިވެރިވާ ރިސޯޓް، ހޮޓާ، ޓްރެވެލް އެޖެންޓް އަދި ޓުއަރ އޮޕަރޭޓަރުން ރަޖިސްޓްރޭޝަން ފީޢެއްގެ ގޮތުގައި 1،000 ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ސަފާރީ އުޅަނދުތަކާއި، ގެސްޓްހައުސްތަކާއި، ޑައިވް އޮޕަރޭޓަރުން ފީޢެއްގެ ގޮތުގައި ދައްކަންޖެހޭނީ 500 ޑޮލުކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.