ޚަބަރު

އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހުކޮށްފި


އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތިންވަނަށް ދައުރަކަށް އިފްތިތާހުކޮށްފިއެވެ.

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތިންވަނަ ދައުރަށް އިފްތިތާހުކުރުމަށް ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ރަސްމީއްޔާތުގައި، ކޮމެޓީއަށް އަލަށް އިންތިޚާބުވި މެމްބަރުން ވަނީ ކޮމެޓީ މެންބަރަކަށްވުމުގެ އިޤްރާރުގައި ސޮއި ކޮށްފައެވެ. އެގޮތުން އައްޑޫގެ 7 އިދާރީ ދާއިރާއަކުން ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ.

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިފްތިތާހުކުރުމުގެ ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު ވިދާޅުވީ އަންހެނުންގެ ކޮމިޓީތައް ހިންގަނީ ކައުންސިލްގެ ބެލުމުގެ ދަށުން ނަމަވެސް، ކައުންސިލުން ކޮށްދޭކަމަކީ ކޮމިޓީގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުން ކަމަށާއި، ވަކި ގޮތަކަން ކަންކަން ކުރުމަށް ކޮމިޓީއަށް އަންގާފައި ނުވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޓީގެ ނިމިދިޔަ ދައުރުގެ މެމްބަރުން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ވަނީ ކޮމިޓީގެ ދެވަނަ ދައުރުގައި ކުރި މަސައްކަތްތަކުގެ ރިޕޯޓު ހުށަހަޅާފައެވެ.

އައްޑޫސިޓީ ކައުންސިލުގެ ދަށުން 2012 ވަނަ އަހަރުން ފެށިގެން އަންހެނުންގެ ކޮމިޓީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އައްޑޫގެ ޑަބްލިއުޑީސީން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ކަނބަލުންނަށް އަމާޒުކޮށްގެން އެކި ކަހަލަ މަސައްކަތްތެރިކަމުގެ ވޯކްޝޮޕްތަކާއި، އެ ކޮމިޓީން ދެމުންއަންނަ ކަނބައިދި އެވޯޑް ފާހަގަ ކޮށްލެވެއެވެ.