ޚަބަރު

"އެއްވެސް މީހަކު ބާކީ ނުކުރުމުގައި ހަޤީޤީ ކުލަ ޖައްސައިދޭނީ މި ސަރުކާރުން"


އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތުގައި ހަޤީޤީ ކުލަ ޖައްސައިދޭނީ މި ސަރުކާރުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސޭބަލްސް، އެމްއޭޕީޑީން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަރަކާތުގެ ތެރޭގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރާއިރު، މުޖުތަމައުގެ ބައިވެރިވުން މިކަމުގައި އިތުރުކުރުން މުހިންމުކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުރުމަކީ މީހަކު މުޖުތަމައުން އެކަހެރިވާންޖެހޭ ސަބަބެއް ނޫންކަމަށާއި، އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމަށް ބެލުމެއްނެތި ހުނަރު ދެނެގަތުމަކީ މުހިންމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތު ތަންފީޒުކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭ އިޖްތިމާއީ ނިޒާމެއް ޤާއިމުކޮށްދޭނީ މި ސަރުކާރުންކަމަށެވެ. އަދި މި ދާއިރާއިން ކުރިން ނުލިބޭފަދަ ކުރިއެރުންތައް މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހޯދައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންގެ އެހީ ބޭނުންވާ ބައެއް މި ފަރާތްތަކަކީ. އެފަރާތްތަކަށް އެންމެ އެކަށޭނަ ޖާގަ މުޖުތަމަޢުގައި މިހާތަނަށް ދެވިފައެއް ނުވޭ. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެންނާނަން. އެގޮތުން އާސަންދަ ނިޒާމަށްވެސް އެދެވޭ ބަދަލުތަކެއް ގެންނާނެކަމުގެ ޔަޤީންކަން އެބަ އޮތް." މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ.

އެމްއޭޕީޑީން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޓްރާންސްޕޯޓް މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.