ޚަބަރު

"ސިޔާސަތުތައް ތަންފީޒުކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ނަޒަރަކުން ބަލާނަން"


ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުުރުމުގައި ނުކުޅެެންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ނަޒަރަކުން ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދަޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަންހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޭގެއަށް ޒިޔާރާތްކުރައްވައި، އެމީހުންގެ ޙާލު ބައްލަވާލައްވާފައެވެ. ގޭގެއަށް ކުރެއްވި ޒިޔާރާތްތައް ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ސްކޫލްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ކުދިންގެ ބެލެނިވެރިން ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑަށް ބަލައިގަންނަ މަސައްކަތްތަކެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނާއިބު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބެންޖެހޭ ބައެއް ޚިދުމަތްތައް ހޯދުމަށް ބައެއް ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ގެދޮރުގެ ދަތިކަމާއި، ތައުލީމާއި، އެކުދިންނަށް ޚާއްސަ ބައެއް ފަރުވާތައް ލިބުމުގެ ދަތިކަން ހުރިކަން ނާއިބުރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، ވީހާވެސް ފަސޭހައިން އަސާސީ ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

"
"ސަރުކާރުގެ ސިޔާސަތުގެތެރެއިން މިކުދިންގެ ކަންމަށް ޚާއްސަ ނަޒަރަކުން ބަލާނަން. އެގޮތުން މި ދަތިވެފައިވާ ކަންތައްތަށް ޙައްލުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރާނަން."
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޭގެއަށް ކުރެއްވި ޒިޔާރަތުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަންހުންނަ ކުދިންގެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ދަތިތައް ބަލައި، ޕޮލިސީ ލެވަލްގައި އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"އަޅުގަނަޑުމެންނަށް އިނގޭކަށްނެތް ރާއްޖޭގައި މިފަދަ ކުދިން ތިބި މިންވަރެއް. އެކަން މީގެކުރިން ބެލިފައެއް ނެތް. މިނިސްޓްރީއިން މިފަދަ ކުދިންގެ ދަފްތަރެއް އެކުލަވާލައި ކުދިންގެ މަޢުލޫމާތު އެއްކުރާނަން." ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، ޖެންޑަރ މިނިސްޓަރ ޝިދާރާ ޝަރީފްވަނީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މިފަދަ މީހުންގެ ގެތަކަށް ޒިޔާރަތްކުރައްވައި، އާއިލާތަކާ ބައްދަލުކުރައްވާފައެވެ. އެގޮތުން އެފަރާތްތަކުގެ ދިިރިއުޅުމުގެ ޙާލަތު ބައްލަވާލައްވައި، އެފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާފައިވެއެވެ.