ވިޔަފާރި

ރާއްޖޭގައި ޑިސްޕޯސިބަލް ޕްލާސްޓިކް މަނާކުރުމަށް ޤާނޫނެއް އެކުލަވާލުމަށް ގޮވާލައިފި


އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ޤާނޫނެއް އެކުލަވާލުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް، އޭޓީޕީން ގޮވާލައިފިއެވެ.

ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އޭ.ޓީ.ޕީން ނެރުނު ބަޔާނުގައި އެއް ފަަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފެށްޓެވި ކެމްޕެއިނަށް ތަޢުރީފްކޮށް، ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ރައީސްގެ އިސް ނެންގެވުމުގެ މަތިން ފެށްޓެވި ކެމްޕެއިން ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް ކުރިއަށް ގެންދިއުމަށް އޭޓީޕީން ގޮވާލާފައިވެއެވެ.

އޭޓީޕީގެ ބަޔާނުގައި ސަރުކާރު އޮފީސްތަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައިވާއިރު، 2020 ވަނަ އަހަރު އަންނަންވާއިރަށް އެއް ފަަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުމާއި އެތެރެކުރުން ރާއްޖޭގައި މަނާކުރުމަށް އޭޓީޕީން ގޮވާލާފައިވެއެވެ. އަދި މިކަމަށް ވާސިލްވުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމަށް މަޖިލިސް މެމްބަރުންނަށް އޭޓީޕީން ގޮވާލާފައިވެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަސް 35 މިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކޮށްފައިވެއެވެ.