ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެންމެންގެ އެއްބާރުލުން ބޭނުން


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ޙާއްޞަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ ދާއިރާއަކުން އިސްނަގައިގެން މަސައްކަތްކުރުމަށް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފް އިލްތިމާސް ކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން، މީޑިއާތައް މެދުވެރިކޮށް މިނިސްޓަރ ދެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި މިހާރު ދެވޭ ލޯތްބާއި އެހީތެރިކަން އިތުރުކޮށް އެހެންފަރުދުންނެކޭވެސް އެއްފަދައިން މުޖްތަމަޢުގައި އުޅެވޭނެ މަގު ތަނަވަސް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގިނަ ކަންތައްތަކެއް ރާވާފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުގެ އިލްތިމާސް އަކީ، ޤާނޫނާއި ގަވާއިދުތަކަށް ރިޢާޔަތްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ޙާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ ދާއިރާއަކުން އިސްނަގައިގެން މަސައްކަތްކުރުން. އަދި މިފަރާތްތަކަށް މިހާރު އޮތް ލޯތްބާއި އެހީތެރިކަން އިތުރުވެ އެހެންފަރުދުންނެކޭވެސް އެއްފަދައިން މުޖްތަމަޢުގައި އުޅެވޭނެ މަގު ތަނަވަސް ކުރުން" މިނިސްޓަރ ވިދާޅުވިއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު އިނގޭނެ ފަދަ ދަފްތަރެއް އެކުލަވާލުމަކީ ޙާއްސަ އިސްކަމެއް ދީގެން ޙާސިލް ކުރަންޖެހޭ ކަމެއް ކަން މިނިސްޓރަ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އެފަދަ ފަރާތްތަކަށް އަސާސީ ޙިދުމަތްތަކާއި އެހީތެރިކަން ލިބޭނެ މަގުފަހިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މިންވަރު މަދު ކުރުމަށްޓަކައި، ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެފަދަ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ތަޢުލީމީ ފުރުޞަތާއި ކުޅިވަރުތަކާއި ސަޤާފި އަދި އިޖުތިމާޢި އެކިއެކި ޙަރަކާތްތަކުގައި ތަފާތު ކުރުމެއްނެތި ބައިވެރިކުރުވުމުގެ މުހިންމުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ޤާބިލްކަމަށްބަލައި އެކަށީގެންވާ ވަޒީފާގެ ފުރުޞަތު ފަހިކޮށްދޭންޖެހޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ޖަޒީރާ ޤައުމެއްކަމުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ނިޒާމެއް ޤާއިމްވެފައިއޮތުމުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.