ޚަބަރު

މަޓާޓޯއިން ޕާޓާގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަނީ


ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން ފާސްކޮށްފިއެވެ.

ޕާޓާގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް ފާސްކުރީ މަޓާޓޯގެ 2018 ވަނަ އަހަރުގެ އަހަރީ އަންމު ޖަލްސާގައެވެ.

1951 ވަނަ އަހަރު ޤާއިމްކޮށްފައިވާ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. މިގޮތުން ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމާއި، ދާއިރާއަށް ތައަރަފްވާ އެންމެ ފަހުގެ ވަސީލަތްތައް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމަކީ މިޖަމިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން ދަނީ ޕާޓާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި އެކި ހަރަކާތްތައް ބާއްވަމުންނެވެ.

މަޓާޓޯގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޕާޓާގެ ގޮތްޕެއް ހުޅުވުމަށް ނިންމާފައިވާއިރު މަޓާޓޯގެ މިދައުރުގެ ނާއިބު ރައީސް އަބްދުﷲ ޤިޔާސް ވިދަޅުވީ ޕާޓާގެ މެންބަރަކަށްވުމުން މަޓާޓޯގެ މެންބަރުންނަށް ޕާޓާއިން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ޑިސްކައުންޓް ލިބި އެހެނިހެން ފައިދާތައް ލިބިގެންދާނޭކަމަށެވެ.

"ވަރަށް ގިނަ ދުވަސް ވެއްޖެ އަހަރުން މަސައްކަތްކުރަމުންދާތާ ޕާޓާޔާ އެމްއޯޔޫއެއް ހަދައިގެން. މިހާރު އަސްލު އަހަރުމެން ބޭނުންވަނީ މަޓާޓޯ އިންޓަރނޭޝަނަލީ ރިކޮގްނައިޒްޑް އެސޯސިއޭޝަނަކަށް ހަދަން. އެހެންވެ ޕާޓާގެ މޯލްޑިވްސް ޗެޕްޓަރއެއް ޤާއިމްކުރަން މަސައްކަތް މިކުރަނީ. ޕާޓާގެ ޗެޕްޓަރ ހެދީމަ މަޓާޓޯގެ ހުރިހާ މެންބަރުންނަށް ޕާޓާ ހުރިހާ އިވެންޓްސްތަކުގައި ޑިސްކައުންޓް ލިބޭނެ. ޕާޓާގެ ޗެޕްޓަރއެއް ރާއްޖޭގައި ޤާއިމްކުރުމުން އެމީހުންގެ ޕަބްލިކޭޝަންސްއާއި، އެމީހުންގެ ޓްރެވަލް މާޓާއި، އެމީހުންގެ ޓްރެއިނިން ތަކުގައި މަޓާޓޯއަށް ދައްކާ މެންބަރ ޝިޕް ފީގެ އިތުރުން އެއްވެސް އެހެން ފީއެއް ނުދައްކާ ބައިވެރިވެވޭނެ. ޕާޓާގައި ވަކިން ބައިވެރި ވަންޔާ ފީގެ ގޮތުގައި އެއްހާސް ޑޮލަރު ނަގާނެ." ގިޔާސް ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި ގިނަ ކަންތައްތަކެއް ފާސްކޮށްފައިވާއިރު މަޓާޓޯ ރީބްރޭންޑްކޮށް، ލޯގޯ އަދި ޑިޒައިން ބަދަލްކުރުމަށްވެސް މިޖަލްސާގައި ފާސްކުރިއެވެ. އަދި މެމްބަރުންގެ އަތުން ނަގާ ފީވެސް ބޮޑުކުރުމަށް ފާސްކުރިއެވެ.

މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި ވޭތުވެދިޔަ ހަތަރު އަހަރު އެޖަމިއްޔާއިން ހޯދި ކާމިޔާބީތައްވެސް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ތިންސަތޭކަ ހާހެއްހާ ރުފިޔާއިން މަސައްކަތް ފެށި ޖަމްޢިއްޔާގެ އާމްދަނީ 1.4 މިލިއަން ރުފިޔާއަށް އިތުރުކުރެވިފައިވާކަން މަޓާޓޯއިން ފާހަގަކުރެއެވެ.

2006 ވަނަ އަހަރު އުފެއްދި މަޓާޓޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޓްރެވަލް އެޖެންޓްސް އަދި ޓުއަރ އޮޕަރޭޓަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި، އެފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމާއި، ރައްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.