ވިޔަފާރި

ވޯލްޑް ޓްރެވެލް އެވޯޑްސް - އެންމެ މަޤްބޫލް ޑައިވް މަންޒިލަކަށް ދިވެހިރާއްޖެ


ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް- "ވޯލްޑް ޓްރެވެލް އެވޯޑްސް"ގެ ދުނިޔޭގެ އެންމެ މަޤްބޫލް ޑައިވް މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ވޯރލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

މިއަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ޤައުމަކާއި ފަތުރުވެރިކަމާ ގުޅޭ ކުންފުނިތަކުން މިއެވޯޑަށް ވާދަކުރިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ރިސޯޓްތަކާއި ކުންފުނިތައް ހިމެނޭއިރު، ރާއްޖެއަށް ވަނީ ޝަރަފުވެރި 8 އެވޯޑެއްވެސް ލިބިފައެވެ.

މިގޮތުން ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން ނުވަތަ އެންމެ މަޤްބޫލް ޑައިވް މަންޒިލްގެ އެވޯޑް ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ. މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ މޮރިޝަޒް، މެކްސިކޯ އަދި ތައިލެންޑް ހިމެނޭ ގޮތަށް 12 ޤައުމަކާ ވާދަކޮށްގެނެވެ.

އިތުރު އެވޯޑްތަކަށް ބަލާލާއިރު ދުނިޔޭގެ އެންމެ މަޤްބޫލް އެއަރޕޯޓް ރިސޯޓްގެ އެވޯޑް ލިބުނީ ހުޅުލެ އައިލެންޑް ހޮޓަލަށެވެ. ހުޅުލެ އައިލެންޑް ހޮޓަލަށް މިއެވޯޑް ލިބުނީ އެމެރިކާ، ތައިލެންޑް އަދި ސްރީލަންކާގެ ކުންފުނިތަކާ ވާދަކޮށްގެނެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް ހަނީ މޫން ރިސޯޓުގެ އެވޯޑް ޖުމައިރާ ވިޓަވެލި މޯލްޑިވްސްއަށް ލިބުނުއިރު ދުނިޔޭގެ އެންމެ މަޤްބޫލް ލަޤްޒަރީ އައިލެންޑް ރިސޯޓްގެ އެވޯޑް ލިބުނީ ސެއިންޓް ރެޖީސް މޯލްޑިވްސް ވޮށްމުލި ރިސޯޓަށެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް ލަޤްޒަރީ ޕްރައިވެޓް އައިލެންޑްގެ އެވޯޑް ޗެވަލް ބްލަންކް ރަންދެލި ރިސޯޓަށް ލިބުނުއިރު އެންމެ މަޤްބޫލް ރޮމޭންޓިކް ރިސޯޓްގެ އެވޯޑް ލިބުނީ ބަރޮސް މޯލްޑިވްސްއަށެވެ.

ސީ އެޓް އަނަންތަރާ ކިހަވަށް މޯލްޑިވްސް އަށް އެންމެ މަޤްބޫލު ކަނޑު އަޑީގެ ހޮޓެލްގެ އެވޯޑް ލިބުނުއިރު، އެންމެ މަޤްބޫލް ވޯޓަރ ވިލާ ރިސޯޓްގެ އެވޯޑް ލިބުނީ ސަން އަކުއާ ވިލު ރީފް ރިސޯޓަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ދިނުމުގެ ހަފްލާ މިއަހަރު ބާއްވާފައިވަނީ ޕޯޗުގަލްގެ ލިސްބަންގައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ދެމުން އަންނަތާ މިއަހަރަށް 25 އަހަރު ފުރިފައިވާއިރު މިއީ މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއެވޯޑަށް އެކި އެކި ސަރަޙައްދުތަކުން ފަތުރުވެރިކަމާ ގުޅޭ ފަރާތްތައް ނޮމިނޭޓް ވަނީ ސަރަޙައްދީ ފެންވަރެއްގައި ވާދަކޮށްގެން، އޭގެއިން އެއްވަނައަށް ހޮވޭ ފަރާތްތައް އެކަންޏެވެ.