ޚަބަރު

ދެކުނު އޭޝިއާގެ ޒުވާނުންގެ ސަމިޓްގައި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް!


ދެކުނު އޭޝިއާގެ ޔޫތް ސަމިޓް 2018 ގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ސައުތް އޭޝިއަން ޔޫތް ސަމިޓް ނިންމާލުމަށްފަހު މި ސަމިޓްގައި ބައިވެރިވި ވަފުދު ރޭ ވަނީ ރާއްޖެ އައިސްފައެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ކުރިއަށްގެންދިޔަ 2 ވަނަ ސައުތް އޭޝިއަން ޔޫތް ސަމިޓްގެ އެންމެ ފަޚުރުވެރި އެވޯޑް ކަމަށްވާ "ބެސްޓް ކަންޓްރީ އެވޯޑް" ރާއްޖެއިން ޖެހިޖެހިގެން 2 ވަނަ ފަހަރަށް ކާމިޔާބުކޮށްފައިވާއިރު، މި ސަމިޓްގައި ރާއްޖޭގެ ޔޫތް މިނިސްޓްރީއަށްވަނީ ބެސްޓް އެކްޝަން ޕްލޭންގެ އެވޯޑްވެސް ލިބިފައެވެ. އަދި މީގެ އިތުރުން އަންހެނުން ބާރުވެރިކުރުމާއި، އިންސާނިއްޔަތަށް މަސައްކަތްކުރުމުގެ ދާއިރާގެ އިތުރުން ތަޢުލީމީ ދައިރާއިން ރާއްޖޭގެ ތިން ފަރާތަކަށް ވަނީ އޭޝިއާ އިންސްޕިރޭޝަން އެވޯޑްވެސް ލިބިފައެވެ.

50 އަށްވުރެ ގިނަ ޤައުމުން ބައިވެރިވި ސައުތް އޭޝިއަން ޔޫތް ސަމިޓްގައި ގްލޯބަލް ޔޫތް އެވޯޑާއި، ޔޫތް ޕްރައިޒް އަދި ބެސްޓް ފޮޓޮގްރަފީ ޑެލިގޭޝަންވެސް ކާމިޔާބުކުރީ ރާއްޖެއިންނެވެ.

ޔޫތް ސަމިޓްގައި ބައިވެރިވި ވަފްދު އެނބުރި ރާއްޖެއައުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ރާއްޖޭގެ ފަރާތުން މި ސަމިޓްގައި ބައިވެރިވި ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިން ޔޫތް، ރަފީގެ އެކްސްކޯ މެމްބަރ ސަމާ އިބްރާހިމް ދީދީ ވިދާޅުވީ، ޖެހިޖެހިގެން 2 ވަނަ އަހަރު ސައުތް އޭޝިއަން ޔޫތް ސަމިޓްގެ ބެސްޓް ކަންޓްރީ އެވޯޑް ރާއްޖެއަށް ލިބިފައިވަނީ މި ސަމިޓްގައި ދިވެހިން ތަމްސީލުކުރި ބައިވެރިންގެ ހިތްވަރުން ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ވަފުދުން މި ކާމިޔާބީ ހޯދާފައިވަނީ އިންޑިއާފަދަ ބޮޑެތި ޤައުމުތަކާ ވާދަކޮށްގެންކަމަށެވެ.

"އަޅުގަނޑުމެން ވާދަކުރީ ސާކްގެ ޤައުމުތަކާއި މުޅިއެކު ފަންސާހަށްވުރެ ގިނަ ޤައުމާ. މިކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް. އެންމެ އުނދަގޫވީ އިންޑިއާގެ ވަފުދުގައި ސަތޭކަ ކުދިން ތިބެފައި އަޅުގަނޑުމެންގެ ފަންސާސްކުދިންގެ މި ވަފުދުން އެ ވަފުދަށްވުރެ ކުރިއެރުން. ވަރަށް ރިސަރޗްކުރިން. އެގޮތުން ޒުވާނުން ބާރުވެރިކުރުމާއި ޒުވާނުންގެ ރޯލު މުޖުތަމަޢުގައި އިތުރުކުރުމަށް ކުރެވޭނެ ކަންކަމާއި މެދު ގިނަ ރިސަރޗްތައް އަޅުގަނޑުމެންކުރިން." ސަމާ އިބްރާހިމް ދީދީ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ސައުތް އޭޝިއަން ޔޫތް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. ރާއްޖޭގައި ބާއްވާ މި ސަމިޓަކީ ކާމިޔާބު ސަމިޓަކަށްހެދުމަށް ރާއްޖޭގެ ހުރިހާ މަދަނީ ޖަމިއްޔާތަކުން އެކަތިގަނޑަކަށްވުމަށް މިއަހަރު ސަމިޓްގައި ބައިވެރިވި ވަފްދުން ވަނީ ގޮވާލާފައެވެ.

މިއަހަރުގެ ސައުތް އޭޝިއަން ޔޫތް ސަމިޓް 2018 ގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަޙުލޫފްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.