ޚަބަރު

ފުވައްމުލައް ސިޓީވެސް 24 ގަޑިއިރު ވިޔަފާރިއަށް ތައްޔާރުވަނީ


ފުވައްމުލައް ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ފުވައްމުލައް ސީޓީ ކައުންސިލުން ޢާންމުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމަކީ ޢާންމު ރައްޔިތުންނާއި ފަތުރުވެރިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން، ޢާންމުކޮށް ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ ބޭރުން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ ކުރިން ޢާންމު ރައްޔިތުން މިކަމާމެދު ދެކޭގޮތް ބެލުމަށާއި، މިކަމުގެ ޢަމަލުކުރާނެ އުސޫލުތަކާމެދު ޢާންމު ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާ ވިޔަފާރިތަކުން ޢަމަލުކުރާނެ ގޮތްތަކާއި އެކަމުގެ އުސޫލުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވެއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމަކީ މިސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެކުރިން ރައީސް ނަޝީދުގެ ސަރުކާރުންވެސް ވަކި ޚާއްޞަ އުސޫލެއްގެ ދަށުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ވިޔަފާރިތަކަށް ދޫކޮށްފައިވެއެވެ.