ޚަބަރު

ވިލިނގިލީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ފުލުހުން އިތުރު ފަރުވާއަށް މާލެ ގެނެސްފި


ގއ. ވިލިނގިލީގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ޒަޚަމްވި ފުލުހުން އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ދެ ފުލުހުންގެ ތެރެއިން އެކުކު ވަރަށް ބޮޑަށް ފިހިފައިވާކަމަށާއި އަނެއް މީހާގެ ކޮނޑުހުޅު ނެއްޓިފައިވާކަމަށެވެ. އަދި މި ދެ ފުލުހުން މިއަދުގެ މެންދުރު ފްލައިޓުން މާލެ ފޮނުވާފައިވަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވަދިނުމަށްފަހު އިތުރު ފަރުވާއަށް ބޭނުންވާތީ ކަމަށެވެ.

ރޭ ހިނގި މި ހާދިސާގައި ގއ. ވިލިނގިލީގައި ހުންނަ ފުލުހުންގެ އެކޮމަޑޭޝަން ބޮލޮކް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެތަނުގައި ތިބޭ ފުލުހުންގެ ހުރިހާ މުދަލެއްވެސް އަނދާފައިވާކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ބްލޮކުގައި ދިރިއުޅޭ ފުލުހުން ނިދާފައި ތިބިވަގުތެއްގައެވެ. ފުލުހުންނަށް ހޭލެވުނީވެސް އަލިފާން ރޯވުމުގެ ސަބަބުން ހޫނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަޙްޤީޤް ކުރަމުންނެވެ.