ޚަބަރު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ދިވެހިން ބަރޯސާވަނީ ކަންބޮޑުވާ މިންވަރަށް - ރައީސް


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ދިވެހިން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދު ކުރުމަށް ފެށި ޙަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރައީސް އޮފީހުގައި އެފަދަ ޙަރަކާތެއް ފެށިގެން ދިއުމަކީ ތިމާވެށި ޙިމާޔަތް ކުރުމާއި ތިމާވެރި ރައްކާތެރި ކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. ރާއްޖޭގެ ފަޅުތަކާއި ގިރިތަކަކީ ދިވެހިންގެ އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓު އޮތީ ރާއްޖޭގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިއްމު އެއް ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަންވެސް ބަރޯސާވެފައިވަނީ މިދެންނެވި ޤުދުރަތީ ވަޞީލަތްތަކަށް. ނަމަވެސް އަޅުގަނޑުމެންގެ ކަނޑުތަކާއި ފަރުތަކާއި މެދު އަޅުގަނޑުމެންނަށް ވަނީ ކޮންމެވެސް ވަރަކަށް ފަރުވާ ކުޑަ ކުރެވިފައި. މިގޮތުން ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށް ދެވޭ ގެއްލުމަކީ ކަނޑަށް އެޅޭ ކުނި ގިނަވުން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑަށް އެޅޭ ކުނީގެ ތެރެއިން އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކް ކަމަށެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ޖަޒީރާވަންތައް ޤުދުރަތީ ވަޞީލަތްތަކަކީ ދިވެހިންގެ ދިރުން ކަމަށާއި ނަމަވެސް ޕްލާސްޓިކް ކުނީގެ ނޭދެވޭ އަސަރުތައް ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުފައި ވަނީ ވިދާޅުވެފައެވެ.

"މިކަންކަމަށް އޮތް ޙައްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން. އިސްރާފު ނުކުރުމާއި ވަޞީލަތްތައް ދެހެއްޓެނެވި ގޮތަކަށް ބޭނުން ކުރުން. އުކާލުމުން އަވަހަށް ފަނާނުވާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުން. އެހެންކަމުން އިޔާދަނުކުރެވޭ ފަދަ ޕްލާސްޓިކް ފުޅިއާ ކޮތަޅު ބޭނުން ކުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަޅުގަނޑުމެން މިއަދު ހުއްޓާލަނީ މި ދެންނެވި ސަބަބުތަކަށްޓަކައި،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

އުއްމީދަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދުކުރުން އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން މިޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކުރައްވާފައެވެ. އެކަމުގެ ރަމްޒެއްގެ ގޮތުން މި ރަސްމިއްޔާތުގައި ވަނީ ރައީސް އޮފީހުގެ ޚިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ، އަދި މިހާރުވެސް މަސައްކަތުގައި ދެމިހުންނެވި މުވައްޒަފުކަމަށްވާ، ރައީސް އޮފީހުގެ ޑިރެކްޓަރ އިބްރާހިމް އަޙްމަދު ދީދީއަށް ބިއްލޫރިފުޅިއެއް ހަދިޔާކޮށްފައެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް އޮފީހުގެ މުވައްޒަފުންގެ ކެފޭއަށްވެސް ބިއްލޫރި ފުޅިއެއް ހަދިޔާ ކުރައްވާފައެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮތެންޓިކް ކްރާފްފްޓްސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅުތަކެއްވެސް ހަދިޔާކޮށްފައެވެ.