ޚަބަރު

ޓްރާންސްޕޯޓް މިނިސްޓަރ އައްޑޫ ސިޓީއަށް ވަޑައިގެންފި


މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން އާއިޝަތު ނަހުލާ އައްޑޫސިޓީ އަށް ވަޑައިގެންފިއެވެ.

މިއީ އެކަމަނާ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރަސްމީ ދަތުރުފުޅެއްގައި ރަށަކަށް ކުރަށްވާ ފުރަތަމަ ދަތުރުފުޅެވެ.

މިނިސްޓަރ އައްޑޫ ސިޓީއަށް ވަޑައިގެންފައިވަނީ، ސައުތު އެފްރިކާއިން ގަމަށް ޗާޓަރު ފްލައިޓު ދަތުރުތައް ފެށުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންް މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީއަކީ އާބާދި ބޮޑު ރަށެއްކަމުން މިދަތުރުގައި އައްޑޫގެ ލޭންޑް ޓްރާންސްޕޯޓުގެ ކަންތައް ހުރި ގޮތް ބައްލަވާލައްވައި، އެކަންްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރގެ އިތުރުން އައްޑޫ އެއާޕޯޓްސް ކޮމްޕެނީގެ އެއް ހިއްސާދާރުކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި އެމްއެެމްޕީއާރުސީގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓް އިން ބުނެއެވެ. އަދި މިނިސްޓަރގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ސައުތު އެފްރިކާއިން އައްޑޫ ސިޓީ ގަމަށް ދަތުރުކުރާ ފުރަތަމަ ފްލައިޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:10 ހާއިރުއެވެ.

ސައުތު އެފްރިކާއިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ފުރަތަމަ ފްލައިޓް އެއަރޕޯޓަސް ޖެއްސުމުގެ ކުރިން ސްކައި ޑައިވިންގެ ޙަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.