ޚަބަރު

ރައީސް، ކ.ދިއްފުށީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙް، ކ.ދިއްފުށީގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރުޢޫ ކުރިއަށް ގެންގޮސްފައިވަނީ އަމިއްލަ ފަރާތެއްކަމަށްވާ އަލިފުޅު ތުއްތު ފައުންޑޭޝަނާއި، މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ ގުޅިގެންނެވެ.

ދިއްފުށީ ފެނުގެ ނިޒާމުގެ ޚިދުމަތް އެރަށުގެ 301 ގެއަކަށްވަނީ ދީފައެވެ. އަދި ނަރުދަމާގެ ޚިދުމަތް 339 ގެއަށްވަނީ ދޭން ފަށާފައެވެ.

ފެނާއި ނަރުދަ ނިޒާމު އިފްތިޓާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ގިނަ މަޝްރޫޢުތައް ހިންގަމުން އައިސްފައިވަނީ މުސްތަޤްބަލަށް މާބޮޑު ޕްލޭނެއްތަކެއް ނެތިކަމަށެވެ. ނަމަވެސް އަލަށް ފެށުމަށް ނިންމާފައިވާ މަޝްރޫޢުތައް ޕްލޭންކުރާނީ މުސްތަޤުބަލުގައި އިތުރުވާނެ އާބާދީއާއި ޚިދުމަތްތަކަށް ބަލައިގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފެނާ ނަރުދަމާގެ ނިޒާމަކީ އެންމެ އަސާސީ ޚިދުމަތްތަކުގެތެރޭގައި ހިމެނޭ ޚިދުމަތަކަށްވާއިރު މިހާތަނަށް ރާއްޖޭގައި ފެނާއި ނަރުދަމާ ޤާއިމުކޮށްފައިވަނީ 40 ރަށުގައިކަމަށެވެ. އަންނަ އަހަރަށް ކަނަޑައަޅާފައިވާ ބަޖެޓުގައި 120ރަށުގައި ފެނާއި ނަރުދަމާ އެޅުމަށް ހިމަނާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފައުންޑަރ މެމްބަރ ޙުސައިން އަފީފް ވިދާޅުވީ މިފަދަ މަޝްރޫޢުތަކަކީ އާންމު ރައްޔިތުންގެ އިތުރުން، ރާއްޖޭގައި ފުޅާވަމުން އަންނަ އެންމެ ބޮޑު ސިނާއަތް ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުން މިހާރުވެސް ދިއްފުށީގައި 11 ގެސްޓް ހައުސް ހިންގަމުން އަންނައިރު، އަމާޒަކީ ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް އެކި ވިޔަފާރިތައް އެރަށުގައި ފުޅާކުރުމަށް ބާރުއެޅުންކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްފުށީގައި އާބާދީގައި މިހާރު 1312 މީހުން ދިރިއުޅެމުންދާއިރު، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައިވަނީ 2600 މީހުންނަށް ޚިދުމަތް ދެވޭގޮތަށެވެ. ދިއްފުށީގައި ނަރުދަމާގެ މަސައްކަތް ފަށާފައިވަނީ މިދިޔައަހަރުއެވެ. މި މަޝްރޫއަށް އެ ދެ ކުންފުނިންވަނީ 61 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.