ޚަބަރު

ބޭރުގެ އެހީ ލިބޭނީ ޖަމިއްޔާތަކުގެ މަސައްކަތް ހަރުދަނާކޮށްގެން - ޔޫއެންޑީޕީ


ރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގުމަށް ބޭރުގެ އެހީ މެދުނުކެނޑި ލިބިގެންދާނީ މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް ހަރުދަނާކޮށްގެންކަމަށް ޔޫއެންޑީޕީގެ ސްމޯލް ގްރާންޓް ޕްރޮގްރާމްގެ ކޯޑިނޭޓަރ ފާތިމަތު ސަޢީދާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ސްމޯލް ގްރާންޓް ޕްރޮގްރާމް ކޯޑިނޭޓަރ ފާތިމަތު ސައީދާ ވިދާޅުވީ ޔޫއެންޑީޕީ މެދުވެރިކޮށް މިހާތަނަށް 70 އަށްވުރެ ގިނަ ޕްރޮޖެކްޓް ރާއްޖޭގެ އެކި މަދަނީ ޖަމިއްޔާތަކާ ހަވާލުކޮށްފައިވާކަމަށެވެ. މި ޕްރޮޖެކްޓްތަކަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައި ފަންސަވީސް ހާހާއި ފަންސާސް ހާހާއި ދެމެދުގެ ޢަދަދަކަށް ފައިސާގެ އެހީ ދީފައިވީނަމަވެސް މީގެތެރެއިން ގިނަ ޕްރޮޖެކްޓްތަށް އެންމެ އެކަށީގެންވާ ގޮތުގައި ނުހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްމޯލް ގްރޭންޓް ޕްރޮގްރާމް ކޯޑިނޭޓަރ ފާތިމަތު ސައީދާ ވިދާޅުވީ ޔޫއެންޑީޕީން މި ޕްރޮޖެކްޓްތައް ހިނގާގޮތް ވަރަށް ގާތުން މޮނީޓަރކޮށް ޖަމިއްޔާތަކަށް މާލީ އެހީގެ އިތުރުން އިތުރު އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓްތަކުގެ ދަށުން އެކަށީގެންވާ ކުރިއެރުމެއް ހޯދިފައި ނެތުމުން މުސްތަޤުބަލުގައި މިފަދަ މަޝްރޫޢުތަކަށް ބޭރުގެ އެހީ ކުޑަވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މާލީ އެހީގެ އިތުރުން މިސާލަކަށް ޕްރޮޖެކްޓް ހިންގަން ތަނެއް ނުލިބުނަސް އެކަން ހަމަޖައްސައިދިނުމަށް ޔޫއެންޑީޕީން އިސްވެ އެކަން ހަމަޖައްސާދެވޭތޯ އެބަ މަސައްކަތްކުރަން. މި ގޮތަށް ތަފާތު ގިނަ ގޮތްގޮތުން އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދެން. އަދި ފަންޑު ދެނީވެސް ތިން ބަޔަކަށް ބަހާލައިގެން ގިނަ މޮނީޓަރ ސްޓޭޖްތަކަކަށް ބަހާލައިގެން." ފާތިމަތު ސައީދާ ވިދާޅުވިއެވެ.

ފާތިމަތު ސައީދާ ވިދާޅުވީ، މި ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލް ތަކަކީ މަދަނީ ޖަމިއްޔާތަކުން އަމިއްލައަށް ހުށަހަޅާ ޕްރޮޕޯސަލްތަކެއްކަމުން މިފަދަ ޕްލޭންތައް އެންމެ އެކަށީގެންވާގޮތަށް ހިންގޭނެ ގޮތްތަށް ކިޔައިދިނުމަށް ޔޫއެންޑީޕީއިން ތަމްރީން ޕްރޮގްރާމްތައްވެސް ހިންގާކަމަށެވެ. މަދަނީ ޖަމިއްޔާތަކަކީ ޤައުމު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި ސައީދާ ވިދާޅުވީ، މަދަނީ ޖަމިއްޔާތައް ބަރުވެރިކުރުވުމަށް ސަރުކާރާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމުކަމަށެވެ.