ޚަބަރު

ސަޤާފަތް ދިރުވޭނީ އެކަށީގެންވާ މާރކެޓެއް ލިބިގެން - ބަހުގެ އެކެޑަމީ


ދިވެހި ސަޤާފަތާއި އާދަކާދަ ދިރުވައި، އާލާކޮށް ކުރިއެރުވޭނީ އެ ދާއިރާގެ އުފެއްދުންތައް ވިއްކޭނެ އެކަށީގެންވާ މާރކެޓެއް ރާއްޖޭގައި ބިނާކޮށްގެންކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ނާއިބު ރައީސް ރާފިޔާ ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.

ވިމެން އޮންޓްރޮޕްނާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގި ކަސަބު ލިބާސް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ނާއިބު ރައީސް ރާފިޔާ ޢަބްދުލްޤާދިރު ވިދާޅުވީ ޒަމާނަށް އަންނަ ބަދަލާއެކު ދިވެހިންގެ އާދަކާދައާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީނަމަވެސް، ދިވެހިވަންތަ ސަޤާފަތަކީ އެންމެންގެ މެދުގައި ދިވެހިން ފާހަގަވާ ސިފަކަން ކޮންމެ ދިވެއްސަކުވެސް ހަނދާން ބަހައްޓަންޖެހޭކަމަށެވެ. މި ސަބަބަށްޓަކައި މިއާދަތައް އުވިގެންދިޔަނުދީ އާލާކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއަކަށް ހަދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދިވެހި ސަޤާފަތް ދިރުވައި އާލާކުރެވޭނީ އެ ދާއިރާގެ އުފެއްދުންތައް ވިއްކޭނެ އެކަށީގެންވާ މާރކެޓެއް ރާއްޖޭގައި ބިނާކޮށްގެންކަމަށް ރާފިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންވެސް ދިވެއްސަކަށް ވީތީ ފަޚުރުވެރިވަން، އެހެންނޫންތޯ. އެކަމު މިހެން ބުނެވޭނީ ދިވެހިވަންތަ ސަޤާފަތާއި އާދަކާދަވެސް ހިފަހައްޓައިގެން. އެގޮތުން މިއަދު އަޅުގަނޑުމެން އެންމެންގެ ބޮލުގައި މިވަނީ ބޮޑު ޒިންމާއެއް އެޅިފަ. އެ ޒިންމާއަކީ މިދެންނެވި ދިވެހިވަންތަ އާދަތަށް ހިފެހެއްޓުން." ރާފިޔާ އަބްދުލްޤާދިރު ވިދާޅުވިއެވެ.

ވިމެން އޮންޓްރޮޕްނާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވިއެމްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ކަސަބު ލިބާސް ކޯސް ޖުމުލަ 30 އަންހެނުން ފުރިހަމަކޮށްފައިވާއިރު، މި ކޯހުގައި ކިޔަވައިދީފައިވަނީ ގދ. އަތޮޅުގައި މި މަސައްކަތްކުރާ 2 އަންހެނުންކަމަށް އެޖަމިއްޔާއިން މައުލޫމާތުދެއެވެ.

ވިއެމްސްއަކީ މުޖުތަމަޢުގައި އަންހެނުންގެ ދައުރު އިތުރުކޮށް ބާރުވެރިކުރުމަށްޓަކައި 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.