ޚަބަރު

ބީލަމަށް ނުލައި ރަށާއި، ބިން އަދި ފަޅުތައް ދިނުން ހުއްޓާލައިފި


ބީލަމަށް ނުލައި ފަތުރުވެރިކަމަށް ރަށާއި ބިން އަދި ފަޅުތައް ދޭ އުސޫލަށް އަމަލުކުރުން މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަމްބަރަށާއި 2 ވަަނަ ނަމްބަރަށް އަމަލުކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

މިމާއްދާއަކީ ބިޑަކާއި ނުލައި ރަށާއި ބިން އަދި ފަޅުތައް ދޭ އުސޫލުތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ. މިމާއްދާގައިވާ ގޮތުން ޓުއަރިޒަމް މިނިސްޓްރީން ޢާއްމުކޮށް އިޢުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ރަށާއި ބިން ނުވަތަ ފަޅުތައް ފަތުރުވެރިކަމަށް ކުއްޔަށް ދޫކެރޭވެނެއެވެ. އަދި އާއްމުކޮށް އިޢުލާން ކުރުމެއްނެތިވެސް، ހިންގަން ބޭނުންވާ މަޝްރޫޢުގެ ތަފްސީލާއެކު ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން ތަންތަން ކުއްޔަށް ދޫކުރުމުގެ ބާރު މިމާއްދާގެ ދަށުން ޓުއަރިޒަމް މިނިސްޓްރީއަށް ލިބެއެވެ.

މިމާއްދާއަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓާލި ސަބަބެއް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

އިއުލާން ނުކޮށް އަދި ބީލަމަށް ނުލައި ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭގާނޫނަށް އިސްލާހު ގެނެސް، އެއިސްލާހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ 2016 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމަށް ދިޔައީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙެއްކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ބިޑަކާއޮ ނުލާ ފަތުރުވެރިކަމަށް ބިން، ރަށް އަދި ފަޅުތައް ދޫކުރުން ހުއްޓުވުމާއި މިގޮތަށް ދެވިފައި ހުރި ރަށްތަކާއި އަދި ކޮރޮޕްޝަނާއި ހިޔާނާތުގެ ތެރެއިން ދީފައި ހުރި ރަށްތަކާއި ފަޅުތައް ދައުލަތަށް ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވައުދެކެވެ.