ޚަބަރު

ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންގެ ޙާލު ނާއިބު ރައީސް ބައްލަވާލައްވައިފި


ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުޑަކުދިންގެ ހާލު ބައްލަވައިލެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުޑަކުދިންގެ ހިޔާއަށާއި ފިޔަވައްޗަށް ވަޑައިގެންފިއެވެ.

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށާއި ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެތަންތަނުން ޚިދުމަތް ދެމުންގެންދާ ގޮތް ބައްލަވާލއްވާފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބެލުމުގައި މަސްއޫލުވެރިވާ މުވައްޒަފުންނާ ނައިބު ރައީސްވަނީ މިޒިޔާރަތުގައި ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. ކުޑަކުދިން ބެލުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި، ނާއިބުރައީސް ފައިޞަލް ނަސީމް ވަނީ ފިޔަވައްޗާއި، ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް ހިތްވަރު ދެއްވާފައެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީވެސް މުޖުތަމަޢަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ހެދުމަށް ހިޔާ އަދި ފިޔަވަތީގައި ދެވޭ ޚިދުމަތްތަކަކީ ރަނގަޅު ފެންވަރުގެ ޚިދުމަތްތަކަކަށް ވާންޖެހޭކަމަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭކަން ފާހަގަކުރެވިފައިވާކަމަށް ނައިބު ރައީސްވަނީ ވިދާޅުވެފައެވެ. ނާއިބު ރައީސް ކުޑަކުދިންގެ ހިޔާއަށާއި ފިވައްޗަށް ކުރެއްވި ޒިޔާރަތުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޢަދަދު އިތުރުވަމުންދާއިރު، މިހާރުވެސް 130 އަށްވުރެ ގިނަ ކުދިން ދައުލަތުގެ ފަރާތުންދަނީ ބަލަމުންނެވެ. މިކުދިންގެ ބެލެނިވެރިކަން ބޭނުންވެފައިތިބި ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއްގެމަތިން ބެލެނިވެރިކަން ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.